އައްޑު ސިޓީ ކައުންސިލް އިންތިޚާބު ބޭއްވޭނޭ ކަމަށް ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެރެދިނުމަށް ކެންޑިޑޭޓުން އެދިއްޖެ

އިބްރާހީމް ރާމިޒް

އިލެކްޝަންސް ކަމިޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެއްވައި އައްޑޫ ސިޓީ ކައުންސިލް އިންތިޚާބެ ބާއްވަން ކަނޑައެޅި ތާރީޚް ކަމަށްވާ 5 ފެބްރުއަރީ 2011 ގައި މިއިންތިޚާބް ބާއްވައި ދިނުމަށް އިލެކްޝަންސް ކަމިޝަންގެ މައްޗައް ޙުކުމް ކޮށް ދެއްވުން އެދި އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން އައްޑޫ މަރަދޫ ފޭދޫ އަދި އައްޑޫ މަރަދޫ ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި ކަމަށާއި އެހެން ކޯޓުތަކަށް މިމައްސަލަ ހުށަހެޅުމުގެ ކަންތައް ކުރިޔަށްދާ ކަމަށް އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުން ބުނެފިއެވެ.
މިގޮތުން މި މައްސަލަ ބައްލަވައިދެއްވުންއެދި މަރަދޫފޭދޫ ކޯޓަށް ކެންޑިޑޭޓަކު ފޮނުއްވާފައިވާ ސިޓީއެއްގެ ކޮޕީއެއް މި ވެބްސައިޓަށް ވަނީ ލިބިފައެވެ. މި ސިޓީގައިވާ ގޮތުން އައްޑޫ ސިޓީކައުންސިލް އިންތިޚާބަށް ތައްޔާރުވެ ކެމްޕޭން ޙަރަކާތް ތައް ވަރަށް އެކުވެރިކަމާ އޮމާންކަމާއި އެކީ ނުހަނު ފޯރިގަދަ ޖައްވެއްގައި ކުރިޔަށް ގެންދަނިކޮށް އިލެކްޝަންސް ކަމިޝަން އިން ވަރަށް ކުއްލިގޮތަކަށް އެއަތުޅުގެ ސިޓީކައުންސިލްގެ އިންތިޚާބް އެކަމަށް ކަނޑަ އެޅި ތާރީޚް ކަމަށްވާ 5 ފެބްރުއަރީ 2011 ގައި ނުބާއްވާ ގޮތަށް ހަމަޖައްސެވީ ވަރަށްވެސް އިންސާފުވެރިކަން ކުޑަގޮތަކަށް ކަން ޤަބޫލްކުރެވޭ ކަމަށާއި، އެކަމުގެ ސަބަބުން މިއިންތިޚާބްގައި ވާދަކުރާ އެއަތޮޅު ހުރިހާ ކެންޑިޑޭޓުންގެ ޙައްޤު ވަރަށް ބޮޑަށް ނިގުޅައި ގަނެވިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
” އިލެކްޝަން ކަމިޝަން އިން މީގެ ކުރީގައި މި އަތޮޅުގެ ސިޓީ ކައުންސިލް އިންތިޚާބު ނުބާއްވާނެ ކަމަށް އިޢްލާން ކުރުމަށް ފަހު ދެވަނަ ފަހަރަށްމި އަތޮޅުގައި އިންތިޚާބު ބޭއްވޭނެކަމަށް އަޅުގަޑު ޤަބޫލު ކުރަމެވެ. އެހެން ނަމަވެސް އިއްޔެ (01 ފެބްރުއަރީ 2011) ގައި އިލެކްޝަންސް ކަމިޝަންގެ ފަރާތުން ޢަމަލް ކުރެއްވިގޮތުން އިލެކްޝަންސް ކަމިޝަން އާއި ދޭތެރޭ އަޅުގަޑުމެންގެ ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ.” މި ސިޓީގައި ވެއެވެ.
އަދި އިލެކްޝަންސް ކޮމިޝަން އަކީ މިނިވަން މުވައްސަސާ އެއްކަމުން އިންތިޚާބު ކުރިޔަށް ގެންދިއުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އޮންނާނެތީ އިލެކްޝަންސް ކަމިޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެއްވައި އައްޑޫ ސިޓީ ކައުންސިލް އިންތިޚާބެ ބާއްވަން ކަނޑައެޅި ތާރީޚް ކަމަށްވާ 5 ފެބްރުއަރީ 2011 ގައި މި އިންތިޚާބް ބާއްވައި ދިނުމަށް އިލެކްޝަންސް ކަމިޝަންގެ މައްޗަށް ޙުކުމް ކޮށް ދެއްވުމަށް މި ސިޓީގައި އެދިފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލް އިންތިޚާބު އިލެކްޝަންސް އިން ކެންސަލްކޮށްފައި މިވަނީ އެ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕްކުރުމަށް އެކަނިވެސް ދައުލަތުގެ މާލިއްޔާއިން 2 ލައްކަ ރުފިޔާ ޚަރަދުކޮށް، ވޯޓުލުމަށް ބެނުންވާ ހުރިހާ ސާމާނުތަކެއް އައްޑޫއަށް ފޮނުވާފައިވަނިކޮށެވެ.