ރާއްޖޭގެ ތަރައްޤީއާއި، ސަލާމަތް ގުޅިފައިވަނީ މަކުނުދޫގެ ތަރައްޤީއާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-kulhudhuffushi-400-x-266

މަކުނުދޫއަކީ މި ރާއްޖޭގެ އެންމެ ހުޅަނގަށް ވަކިން އަތޮޅެއްގެ ގޮތުގައި އޮންނަ ރަށެއް ކަމަށާއި، މިރާއްޖޭގެ ޤުދުރަތީ ސިޔާސީ ސަރަޙައްދު އަދި އިޤްތިޞާދީ ސަރަޙައްދުވެސް ރައްކާތެރިކުރުމަށްޓަކައި، މަކުނުދޫއަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ހެދުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީ މަކުނުދުއަށް ވަޑައިގެން މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަކުނުދޫ ތަރައްޤީ ކުރެއްވުމަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ތަޞައްވުރެއް ކަމަށާއި، މި ސަރުކާރަށް، މަކުނުދޫ ތަރައްޤީ ކުރެއްވުން މަޖުބޫރުވާ އެންމެ ބޮޑު ސަބަބަކީ، ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ ސަލާމަތްތެރިކަން ޙަޤީޤަތުގައި މަކުނުދޫގެ ތަރައްޤީއާ ގުޅިފައިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަކުނުދޫގައި މިރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދާއި އިޤްތިޞާދީ އަދި ސިޔާސީ ސަރަޙައްދު ބެލެހެއްޓޭނެ ގޮތްތައް، ޚާއްޞަގޮތެއްގައި ހުޅަނގު އިންޑިޔާ ކަނޑުގައި ކަނޑުފޭރޭ މީހުންގެ ޙަރަކާތްތައް ގިނަވަމުން އަންނަ މިދުވަސްވަރުގައި، އިންތިޒާމް ކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ސޯމާލިޔާގެ 37 މީހަކު ބެހިގެން ކަމަށް ބުނެ އައިސް، ރާއްޖޭގެ އެކިއެކި ޖަލުތަކުގައި އެބަތިބިކަން ބަޔާންކުރައްވަމުން، މިގޮތަށް ރާއްޖެއަށް ލައްވާ ނުވަތަ ބެހިގެންކަމަށް ބުނެ އެ އަންނަ ސޯމާލިޔާ މީހުންނާ ގުޅޭ މައްސަލަތަކާއި، އަދި މުސްތަޤްބަލުގައިވެސް މިރާއްޖެއަށް އެދިމާއިން އަންނަ ހުރިހާ ކަމެއްގައި މަކުނުދޫއަކީ އެންމެ ފުރަތަމަ ދިފާޢު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، މަކުނުދޫގެ ތަރައްޤީ ސަރުކާރަކަށް ދޫކޮށެއް ނުލެއްވޭނެ ކަމަށާއި، މަކުނުދޫއަކީ، މީގެ ޒަމާންތަކެއްގެ ކުރީގައި، މާލޭ މީހުން، ދައުލަތާއި ސަރުކާރާ ނުރުހުންވީމާ އަރުވާލައި، އެކަހެރި ކުރެވިފައިވާ ތަނެއްގެ ގޮތުގައި ބޭއްވި ގޮތަށް، މި ސަރުކާރަށް މަކުނުދޫ ބޭއްވެވެން ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރު ހިންގުމާ އެމް.ޑީ.ޕީ. ހަވާލުވިފަހުން، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ބޮޑު ދެކުންފުންޏަކުން މަކުނުދޫގެ ތަރައްޤީއާ ގުޅޭ ބޮޑު ދެ މަޝްރޫޢެއްވަނީ ސަރުކާރަށް ހުށަހަޅުއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އޭގެތެރޭގައި ޓްރާންސިޓް ބަނދަރެއް ހެދުމާއި، ޔުނިވަރސިޓީއެއް ޤާއިމް ކުރުމާއި، އަދި މިފަދަ ބޮޑެތި ޕްރޮގްރާމްތައް ހިންގުމުގެ ޕްރޮޖެކްޓްތައް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން މިކަންކަން ކުރިއަށް ގެންދަވަން ބޭނުންފުޅުވަނީ، ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ރުހުމާ އެކުގައި ކަމަށާއި، މަކުނުދޫ ކައުންސިލާއި، ހދ.އަތޮޅު ލޯކަލް ކައުންސިލް އިންތިޚާބުވުމުން، ރައްޔިތުން ބޭނުންވާ ގޮތަށް މި ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމަށް ނިންމަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަކުނުދޫގެ ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނި، މިއަހަރު އެ މަސައްކަތް ފެށޭނެކަން ހާމަކުރެއްވިއެވެ. އަދި އެ ރަށުގައި އިތުރު މިސްކިތެއް އެޅުމަށް ބޭނުންވާ ފައިސާވެސް މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާ ކަމުގައި ވިދާޅުވިއެވެ.