މިއަދު ގައުމު މިދެކެނީ ފަހުގެ ޖީލެއް ނުދެކޭ ފަދަ ދުވަސްވަރެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ

– ސަމާހުގެ ފަރީދި ޖަގަހައިގެ އިތުރުން އައްޑޫ ހޖަގަހައާއި މީމު ޖަގަހވެސް ރޭ މާލޭގައި ހުޅުވި

އިބްރާހީމް ރާމިޒް

fareedhee-jagaha-450-x-299

މިއަދު ދިވެހި ގައުމު މިދެކެނީ ފަހުގެ ޖީލެއް ނުދެކޭ ފަދަ ދުވަސްވަރެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ” މުޅި މާލެ އެކީ ފަރީދީ މަގަށް” މިނަމުގައި ބޭއްވި މާފަންނު ފަރީދީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ގައުމުގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް މުޅި ގައުމު ބަދަލުވުމުގެ މި މުހިއްމު ހިނދުކޮޅުގައި ރައްޔިތުން އޮބަހައްޓައިގެން، އެރައްޔިތުންގެ މިނިވަންކަން ހިފަހައްޓައިގެން އަޅުގަނޑުމެން މިއެދޭ ބަދަލު ނުގެނެވޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މާޒީއަށް މުޑިނަންގަވަން އެމަނިކުފާނު ބޭނުންފުޅުވެ ނުލައްވާ ކަމަށާއި، އިއްޔެ، ނިމި މިއަދު މިހާރު ނިމެމުންދާ ކަމަށާއި، ދެން އަންނަން އޮތީ މާދަމާ ކަމަށެވެ. އެހެން ކަމުން ކުރީގެ ވެރިކަން ފަދައިން މާޒީ ފަހާދުވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމުގައެވެ. އަދި މ79 ވަނަ އަހަރުން ފެށިގެން 3 އަހަރު ވަންދެން ކުރީގެ ސަރުކާރުން އެ ސަރުކާރުގެ އެންމެ އިސްވެރިޔާ ކުރީގެ ރައީސް މަރުހޫމް އިބްރާހީމް ނާސިރަށް މަލާލާތް ރައްދުވާ ގޮތަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވެސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން ކުރީގެ ރައީސަކާ މެދު އެގޮތަށް އަމަލުކުރަމުން ނުދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ރައްޔިތުމީހާ މުއްސަނދިންނަށް ބަރޯސާވުން ކުޑަކޮށް، ރައްޔިތު މީހާއަކީ ތިމާގެ ހަލާލު މަސައްކަތުން ފުދިގެން، އުޅެވޭ “ހަމަ އިސްކޮޅަށް ދެމިލެވޭ” މީހަކަށް ހެދުން ކަމަށާއި، ބޭސް ސިޓީއަށް ސަލާން ޖަހަން ޖެހޭ މީހުންގެ އަދަދު އެތައްތަނަކުން މަދުވުމުން ސަރުކާރުގެ މި އަމާޒު ހާސިލްވަމުންދާކަން ސާފުވަމުންދާ ކަމަށެވެ. މީގެ އިތުރުން ވެސް އިންސާނާ ތަރައްޤީ ނުކޮށް، ގައުމު ތަރައްގީ ނުކުރެވޭނޭ ކަމަށާއި، ދަރިންނަށް ރަގަޅު ތައުލީމެއް ނުދީ އަޅުގަނޑުމެން މިއެދޭ ބަދަލު ނުގެނެވޭނޭ ކަމަށް ރައީސް ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.
ސަމާހުގެ ފަރީދީ ޖަގަހައިގެ އިތުރުން ރޭ މީމު ޖަގަހައާއި އައްޑޫ ޖަގަހަ ވެސް މާލޭގައި ވަނީ ހުޅުވާފައެވެ. މި 2 ޖަގަހަ ވެސް ހުޅުއްވައި ދެއްވީ ރައީސް އެވެ.