ރައީސް މާލެއަތޮޅުގެ ތިން ރަށަކަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާލެއަތޮޅު ގުރައިދޫއަށާއި، މާފުށްޓަށާއި، އަދި ގުޅިއަށް އިއްޔެ ވަޑައިގެން، މި ތިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މިތިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން މިހާތަނަށް ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށް ބައްލަވާލެއްވިއެވެ. ވެރިކަން ހިންގާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދިވެހި ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަކީ، އެ ވަޢުދުތައް ފުދުމުން ރާއްޖެ، އެހެން ރާއްޖެއަކަށް، އަނެއް ދިވެހިރާއްޖެއަށް ބަދަލުވާނެ ވަޢުދުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީގެ ސަބަބުން، މިރާއްޖެއަށް އަންނަމުން މިދާ ހެޔޮ ބަދަލު ފެންނަމުންދާކަމީ މި ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އުފާވެރިކަމާއި ހިތްވަރު ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން ޙާޞިލު ކުރެއްވުމަށް ސަރުކާރުން އެކުލަވާލައްވާފައިވާ ސިޔާސަތުތަކާއި، ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކަކީ، އެ ކަންކަން ހިންގެވުމުން، މި ރާއްޖެއާއި، ގުރައިދުއާއި، މާފުށްޓާއި، ގުޅީގެ ރައްޔިތުންގެ ޙަޔާތަށް އުފާވެރިކަމާއި އުޖާލާކަން އަންނާނެ، މި ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ކުރާންޖެހޭ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީގެ ސަބަބުން މި ތިންރަށުގެ ޙަޔާތަށް އައިސްފައިވާ އުފާވެރިކަމާއި ތަރައްޤީ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގެ ރައްޔިތުން ބޭސްސިޓީއަށް ސަލާންޖެހުން ނައްތާލެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމަށް ޤާއިމް ކުރެއްވި މަދަނައިގެ ނިޒާމުގައި، ގުރައިދޫގެ 306 ރައްޔިތަކާއި، މާފުށީގެ 335 ރައްޔިތަކާއި، ގުޅީގެ 99 ރައްޔިތަކު ބައިވެރިވެފައިވާ ކަމަށާއި، މަދަނައިގެ ތެރެއިން، ކޮންމެ ރައްޔިތަކަށް އެއްލައްކަރުފިޔާގެ ބޭސްފަރުވާ ކުރުމުގެ މަގުފަހި ވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު، މުޅި ރާއްޖޭގެ ތިރީސް ދެހާހަށްވުރެ ގިނަ ރައްޔިތުންނަށް މަދަނައިގެ ތެރެއިން ބޭސްފަރުވާ ކޮށްދެއްވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން، 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ސަރުކާރުން ދެއްވަން ފެށްޓެވި ދެހާސްރުފިޔާގެ ޕެންޝަން، މިދިޔަ ދެ އަހަރުގެ ތެރޭގައި ގުރައިދޫގެ 73 ރައްޔިތަކަށާއި، މާފުށީގެ 39 ރައްޔިތަކަށާއި، އަދި ގުޅީގެ 39 ރައްޔިތަކަށް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މި ސަރުކާރުން ދެއްވަން ފެށްޓެވި ޢިނާޔަތުގެ ގޮތުގައި ގުރައިދޫގެ 50 ފަރާތަކަށް 293,000 ރުފިޔާއާއި، މާފުށްޓަށް 76,000ވުރެ ގިނަ ރުފިޔާއާއި، ގުޅީގެ 6 ފަރާތަކަށް 54,000 ރުފިޔާ، މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި ޚަރަދު ކުރެއްވިފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، އެ ސިޔާސަތުގެ އަމާޒަކީ، ރާއްޖެއިން އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ ފަސް މާއްދާއިން ފާސްވާ ކުދިން ކަމުގައި ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ސިޔާސަތުގެ ދަށުން، ގުރައިދޫ ސްކޫލްގައި ވަށާޖެހޭ ތަޢުލީމެއް ފޯރުއްވައި ދެއްވުމަށް އެ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރެއްވުމަށް އިތުރުކުރައްވަންޖެހޭ 4 ކްލާސްރޫމް މިއަހަރު ޢިމާރާތްކުރެވި، އަންނަ އަހަރު ސްކޫލް ހުޅުވޭނީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ގުރައިދޫ ސްކޫލްގައި ކިޔަވައިދެއްވަން ފެށްޓެވުމުގެ ނަތީޖާއެއްގެ ގޮތުން، ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 2010 ވަނަ އަހަރު 12 ޕަސެންޓުން އިތުރުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، މާފުށީ ސްކޫލުން، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އަމާޒު ޙާޞިލުކޮށް، މިދިޔަ އަހަރު އެ ސްކޫލުން އިމްތިޙާނުގައި ބައިވެރިވި ކުދިންގެ 60 އިންސައްތަ ކުދިން ފަސް މާއްދާއިން ފާސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ގުރައިދޫގެ ބިން ބޮޑުކުރެއްވެން އޮތް ވަރަކަށް ބިން ބޮޑު ކުރެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތް ކުރެއްވުމުގެ މަސައްކަތް މިއަހަރު ސަރުކާރުން ކުރައްވާނެ ކަމަށާއި، އެ މަސައްކަތުގެ ތެރޭގައި އެރަށުން ބިންބޮޑު ކުރެއްވެން އޮތް އެންމެ ބޮޑަކަށް ބިން ބޮޑުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މި ހިއްކަވާ ބިމުގައި ފްލެޓް އިމާރާތް ކުރައްވައި، އެރަށުގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 30 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ، ޚަރަދު ކުރައްވައިގެން މާފުށީގެ ބަނދަރު މިހާރު ނިންމަވާފައިވާ ކަމަށާއި، ބާޒާރު ބަނދަރު ޕްރޮގްރާމްގެ ތެރެއިން އެ ބަނދަރުގައި ޤާއިމް ކުރައްވަން ޖެހިވަޑައިގަންނަވާ ޚިދުމަތާއި، ގެންނަވަން ޖެހިވަޑައިގަންނަވާ ތަރައްޤީ ގެންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މާފުށީގައި އައިސް ޕްލާންޓް ޤާއިމް ކުރައްވައި އައިސްއާއި، ފެން ލިބޭނެ ގޮތް ޤާއިމް ކުރައްވައި، މާފުށި ހިމެނޭ ސަރަޙައްދަށް ބޭނުންވާ ޚިދުމަތްތައް އެ ބަނދަރުން ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅީ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ މިއަދު ވަރަށް ހަވީރުގެ ވަގުތެއްގައެވެ. ގުޅީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގުޅީ ބަނދަރު މަރާމާތު ކުރެއްވުމުގެ މަސައްކަތް މިއަހަރު ކުރައްވާނެކަންވެސް ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިއަދު މާލެއަތޮޅު ގުރައިދޫއާއި، މާފުށްޓާއި، ގުޅިއަށް މިކުރެއްވި ދަތުރުފުޅަކީ، 2011 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢްލޫމާތު ދެއްވުމަށާއި، ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި ހިންގަވަން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢްލޫމާތު، މި ތިންރަށުގެ ރައްޔިތުންނާ ޙިއްސާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ތިންރަށުންވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތީ، ރޭ އިރާކޮޅުއެވެ.