ށ.ފުނަދޫ ކައުންސިލާއި އެދާއިރާގެ ކައުންސިލް އެމްޑީޕީއަށް ކާމިޔާބުކޮށްދީފިނަމަ ފުނަދޫގައި މަތީ ތައުލީމްދޭ މަރުކަޒެއް ބިނާ ކޮށްދޭނަން – ގައިޑެންސް އައްބާސް

އިބްރާހީމް ރާމިޒް

މަތި އުތުރު ޕްރޮވިންސްގެ ށ.ފުނަދޫ ރަށު ކައުންސިލާއި އެދާއިރާގެ ކައުންސިލް އެމްޑީޕީއަށް ކާމިޔާބުކޮށްދީފިނަމަ އަމިއްލަ ޚަރަދުގައި ފުނަދޫގައި މަތީ ތައުލީމްދޭ މަރުކަޒެއް ބިނާ ކޮށްދެއްވާނޭ ކަމަށް ފުނަދޫ އަށް ނިސްބަތްވާ މަޝްހޫރު ވެރިއެއް ކަމަށްވާ މުހައްމަދު އައްބާސް(ގައިޑެންސް އައްބާސް) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ފުނަދޫ ދާއިރާއިން އެރަށު ބޯޅަ ދަނޑުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ދާދިފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވީ ” އެމްޑީޕީއަށް މިރަށުގެ (ފުނަދޫގެ) ކައުންސިލާއި ފުނަދޫ ދާއިރާގެ ކައުންސިލް ކާމިޔާބުކޮށްދީފިނަމަ އަޅުގަނޑުގެ އަމިއްލަ ޚަރަދުގައި މި ރަށުގައި މަތީތައުލީމްދޭ މަރުކަޒެއް ބިނާކޮށްދޭނަން. މިއީ އަޅުގަނޑުވާ ވައުދެއް” ކަމަށެވެ.
ގައިޑޭންސް އައްބާސް އަކީ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރައްވާ އަދި އެ ވިޔަފާރީގެ މަންފާއިން ދިވެހި ރައްޔިތުންނަށް ދީލަތިއެހީތަކެއް ވެދެއްވަމުން ގެންދަވާ ފަރާތެކެވެ. އަދި އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް ގައިޑޭންސް އައްބާސް މެދުނުކެނޑި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީ ފުނަދޫ ދާއިރާއިން މައުލޫމާތުދެއެވެ. .