ތުލުސްދޫ އެމްޑީޕީ ހަރުގޭގައި އެއްޗެއް ގޮއްވާލައިފި

އިބްރާހީމް ރާމިޒް

thulusdhoo

މެދު އުތުރު ޕްރޮވިންސްގެ ކ.ތުލުސްދޫ އެމްޑީޕީ ހަރުގޭގައި ރޭ އެއްޗެއް ގޮއްވާލައި އޭގެ ކުރީރޭ އެރަށުގައި ދަމާފައިވާ އެމްޑީޕީގެ ބެނާތަކާއި ދިދަފޮތިތަކަށް ގެއްލުންދީފައިވާ ކަމަށް އެމްޑީޕީ ތުލުސްދޫ ދާއިރާއިން މައުލޫމާތު ދީފިއެވެ.
ތުލުސްދޫ އެމްޑީޕީ ހަރުގެއިން ވާހަކަދެއްކި މީހަކު ބުނީ ” އަޅުގަނޑުމެންނަށް ބޮޑަށް ލަފާކުރެވެނީ މިއީ ސީދާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ދިފައިވާ ހަމަލާއެއް. އެމްޑީޕީ ކެންޑިޑޭޓުން ކޮންމެ ރެއަކު ވެސް ދާނެ ހަރުގެއަށް. ނަސީބަކުން ކެންޑިޑޭޓުންނަށް ރޭ ދެވުނީ ތަންކޮޅެއް ލަހުން. ” ކަމަށެވެ.
ރޭ ތުލުސްދޫ އެމްޑީޕީ ހަރުގޭގައި އެއްޗެއް ގޮއްވާލާފައިވަނީ ގާތްގަނޑަކަށް 9.15 ހާއިރު ކަމަށާއި، މި ގޮވުމުގެ އަޑު ހާހެއްހާ ފޫޓޫ ދުރަށް އަޑުއިވިފައިވާ ކަމަށާއި، ” މި ގޮއްވާލި ބޮމުގެ އަޑު ވަރަށް ދުރަށް ހުރި. އެ ބޮމަށް އަޅާފަހުރި މޮހޮރުތައް ވެސް ވިއްސައިގެން ގޮސް ފޭބީ ޖެހިގެންހުރިގޭ ފުރާޅު މައްޗަށް” ކަމަށް ތުލުސްދޫ އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ތުލުސްދޫގެ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރަށުގެ އެކި އެކި ސަރަހައްދުގައި މަގު ހުރަހަށް ދަމާފައިވާ ބެނާތަކަށާއި، ތުލުސްދޫ އެމްޑީޕީ އުންމީދު ގޮފީގެ އިދާރާ ކުރިމަތީގައި މަގުގެހުރަހަށް ދަމާފައިވާ ދިދަތައް ކަނޑާލާ މުދަލަށް ގެއްލުންދީފައިވާ ކަމަށް އެރަށުން މައުލޫމާތު ދެއެވެ.
މިއަމަލު ހިންގާފައިވަނީ މެންދުރު ނަމާދަށް މީހުން ދިޔަ ވަގުތު ބަލާފަ ވަރަށް ބޮޑަށް ރާވައިގެން ކަމަށާއި، ތުލުސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީ ޕީގެ ކެނޑިޑޭޓުންގެ ޕޯސްޓަރުތަށްވީދާ،ކަޅުތެޔޮޖަހާފައިވާ ކަމަށް ވެސް އެރަށުން މައުލޫމާތުދެއެވެ..
ތުލުސްދޫ އެމްޑީޕީ ހަރުގޭގައި ރޭ އެއްޗެއް ގޮއްވާލި މައްސަލަ ފުލުހުން މިހާރު ތަޙްޤީގް ކުރަމުންދާ ކަމަށް އެމްޑީޕީ ތުލުސްދޫ ދާއިރާއިން މައުލޫމާތު ދެއެވެ.