ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ، އެމް.އެން.ބީ.ސީ. ވަން އިން ގެނެސްދެއްވުން ރައީސުލްޖުމްހޫރިއްޔާ މިއަދު އިފްތިތާޙުކޮށްދެއްވައިފި

ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ، އެމް.އެން.ބީ.ސީ. ވަން އިން ގެނެސްދެއްވުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. މިކަން އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ، ގަވާއިދުން އެމް.އެން.ބީ.ސީ އިން ފޮނުވޭނެ ގޮތަށް ހަމަޖެހިގެންދިޔަ ކަމަށްޓަކައި ވަރަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ މީޑިއާއެއް އޮންނަ ކަމުގައިވަނީނަމަ، ޤައުމިއްޔަތާއި ދައުލަތް ބިނާކުރުމަކީ، އެ މީޑިއާގެ އެއް ވާޖިބުކަން ފާހަގަކުރެއްވިއެވެ.

އިސްލާމްދީނުގެ ކުރިއެރުމަށްޓަކައި މިނިވަންކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، އިސްލާމީ ރަނގަޅު ޢަޤީދާއެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގުމަށްޓަކައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު އަޅުގަނޑުމެން ބިނާކުރަމުން މިގެންދަނީ، އެޤައުމިއްޔަތު ކަމަށާއި، އެޤައުމިއްޔަތަކީ ޖީލަކުން އެއްފަހަރުވެސް، ޤަރުނަކުން އެއްފަހަރުވެސް ރައްޔިތަކަށް ބިނާކުރަން ނުލިބޭނެ ފުރްޞަތެއް ލިބި ތިބެގެން، ބިނާކުރަމުންދާ ޤައުމިއްޔަތެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމިއްޔަތެއް ބިނާކުރުމުގައި ކޮންމެހެން ބޭނުންވާ މައިގަނޑު އަސާސްތަކެއް އެބަހުރި ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޤައުމިއްޔަތު ބިނާކުރެއްވުމަކީ، މިހާރު ކުރިއަށް ގެންދަވާ އެންމެބޮޑު މަޝްރޫޢު ކަމަށާއި، އެ ޤައުމިއްޔަތު ބިނާކުރައްވަމުން ގެންދަވަނީ، މާތްވެގެންވާ އިސްލާމްދީނާއި، އިންސާނީ ޙައްޤާއި، އަދި ރާއްޖޭގެ ޘަގާފަތު، އެއީ އަސާސްތަކެއް ކަމަށް ދެކެވަޑައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކީރިތި ޤުރްއާންގެ ދިވެހި ތަރުޖަމާ، އެމް.އެން.ބީ.ސީ. ވަން އިން ގެނެސްދެއްވުން، ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި، މަރްޙަބާ ދެންނެވުމުގެ ގޮތުންނާއި، ތަޢާރުފެއް ދެއްވުމުގެ ގޮތުން ވާހަކަ ދެއްކެވީ، އެމް.އެން.ބީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. މި ދިވެހި ތަރުޖަމާގެ އަޑު އަޅުއްވައި ދެއްވާފައިވަނީ، އެމް.އެން.ބީ.ސީ. ވަންގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙަންމަދު ޢާޞިފެވެ. މިރަސްމިއްޔާތުގައި އޭނާވެސް ވާހަކަ ދެއްކެވިއެވެ. އަދި ތަރުޖަމާ ރެކޯޑު ކުރުމަށް ކުރެވޭ މަސައްކަތް ދައްކައިދޭ ވީޑިއޯ ރިޕޯޓެއްވެސް ދެއްކުން އޮތެވެ.