މެންބަރުންގެ ޚިޔާލު: މިއީ ސިޔާސީ ވުމެއް ނޫނެވެ. މިއީ މުރުތައްދު ވުމުގެ ސިފައެކެވެ.

އަޙުމަދު ރަޝީދު/ލ.ފޮނަދޫ

ޑީއާރްޕީ ބަޔަކު ޤުދުރަތީ ޤާނޫނު ބަދަލުކުރަން މަސައްކަތް ކުރަނީ ...
ޑީއާރްޕީ ބަޔަކު ޤުދުރަތީ ޤާނޫނު ބަދަލުކުރަން މަސައްކަތް ކުރަނީ ...

މާތްﷲ ގެ ކުޅަދުންވަންތަކަމުގެ މަތިވެރިކަމުން އެކަލާނގެ އުފައްދަވާ އަޅުގަނޑުމެންނަށް ރިޒުޤު ކުރައްވާފައިވާ ތަކެތީގައިވަނީ ތަފާތު ކުލަތައް ޖައްސަވާ އެކުލަތަކަކީ އެ އެއްޗަކަށް އެންމެ ގުޅޭ އެންމެ ކަމުދާ ކުލަ ކަމުގައި ލައްވާފައެވެ. މަތީގައިވާ ފޮޓޯއިން އެފެންނަނީ މާތްﷲ ގެ ކުޅަދުންވަންތަކަމުގެ މިއުސޫލަށް ގޮންޖަހާ އެބައި މީހުން އެކަނލާންގެއަށް މަލާމާތްކުރުން ނޫން ފަހެ ކޮންކަމެއް ބާއެވެ. މިއީ ލ. އަތޮޅު ރަށެއްގެ މަދު ބޭފުޅުންކޮޅެއްގެ ނަމަވެސް ހާލަތު އަދު ހުރި ގޮތެވެ.
ސިޔާސީ މައިދާނުގައި މީހުން މަގުފުރެދިގެން ދާތަން މީގެ ކުރިންވެސް މި ރާއްޖެއިން ފެންނަމުން ގޮސްފައިވެއެވެ. އެގޮތުން މިރާއްޖޭގައި ޚުދުމުހުތާރު ދިގު ވެރިކަމެއް ކުރެއްވި ވެރިޔާ ސްކޫލް ކުދިންތަކެއް ލައްވާ ސަޖިދަކުރުވުން ފާހަގަ ކޮށްލެވެއެވެ. މިހާރުވެސް މިފަދަ ކަންކަން ފެންނަމުން އެބަދެއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގައި މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ހޮވިއްޖެ ނަމަ އަމިއްލައަށް މަރުވާން ބުނާ މުސްކުޅިވަރުގެ އަންހެން ވެރީން ވެސް އެބަ ތިއްބެވެ. ޚާއްސަކޮށް އަންހެން ވެރީންގެ ބޮލަށް އިދިކޮޅު ފަރާތްތަކުން ސަވާރުވެފައިވާ ކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
މިއަދު އަޅުގަނޑަށް މީހަކު ކިޔައިދިން ވާހަކައަކުންވެސް އަޅުގަނޑުގެ ދުލުކުރިން ޝަހާދަތުގެ މަތިވެރި ކަލިމަ ކިޔާލެވުނީ ލިބުނު ހައިރާން ކަމާއެކުގައެވެ. އެމީހާ ބުނާގޮތުން މިއަދު އެގެއަށް ދިޔަ މި އަތޮޅު ރަށެއްގެ މެދު ޢުމުރަށްދާ އަންހެނަކު ކުރެން މިރަށުގައި ކީއްހޭ ތިކުރަނީ އަހާލުމުން ބުނިކަމަށްވަނީ މިއުޅެނީ އަހަރުމެންގެ ރައީސް (ކުރީގެ ރައީސް) ބަލަން އައިހޭ، އެނޫން ފަރާތެއް މަށަކަށް މިހާރަކު ނެތޭ! މިވާހަކަ އަޑުއިވުމުން އަޅުގަނޑު ރަޙްމަތްތެރިޔާ އެމީހާ ކައިރީ ބުނީ “ތިހެން ބުނާކަށް ނުވާނޭ، އަހަރަމެން ހެއްދެވި ފަރާތް އެބަވެޔޭ.” މިހެން ބުނީމާ އެ އަންހެން މީހާ ބުނިކަމަށްވަނީ “ތިފަރާތުގެ ވާހަކަ ނުދައްކާށޭ. އެއަށްވުރެން އެމަނިކުފާނު މުހިންމޭ” މިހެންނެވެ.
މިކަހަލަ އެހެން ވާހަކައެއްވެސް ހިއްސާކޮށްލާނަމެވެ. މިއަތޮޅުގެ ބައެއް ގޭގޭގައި އެގޭގެ އެންމެ އިސް އަންހެން ބޭފުޅުން ނަމާދުކުރާ ކޮޓަރީގައި ކުރީގެ ވެރިޔާގެ ބޮޑު ދެ ފޮޓޯގަނޑު ބަހައްޓައިގެން ނަމާދު ކުރަމުން އެބަގެންދެއެވެ.
މި މަޒުމޫނު ލިޔަން ފަށަމުން އިޝާރާތްކުރި ފޮޓޯ ގަނޑުގެ ވާހަކައިގައި އެވާފަދަ ދަށު ދަރަޖައިގެ ވިސްނުން ގެންގުޅޭ އެތައް ބަޔަކު މިރާއްޖޭގައި، މިއަތޮޅުގައި އަދި މިރަށުގައިވެސް އެބައުޅެއެވެ. އެގޮތުން ކައްކަން ބޭނުންކުރާ “ރީނދޫ” ބޭނުން ނުކުރުމާއި ދޮންރުކު ކުރުނބާ ނުބުއިމާއި ސްކޫލަށް ދަރިވަރުން ގެންދާ ކުލަފޮށިން ރީނދޫކުލަ އުނިކޮށްފައި ދަރިން ފޮނުވުން ހިމެނެއެވެ. މިހެން ގޮސް މިފަދަ އެތައް ކަމެއް ލިސްޓްކުރެވެން އެބަހުއްޓެވެ. މިދެންނެވި ފަދަ ގޮތަށް ޢަމަލުތައް ބަހައްޓަވާ ބޭފުޅުންނަކީ “ޔެލޯ ފޯބިއާ” ނުވަތަ ރީނދޫ ކުލަދެކެ ބިރުގަންނަ ބައެއް ކަމަށް އަޅުގަނޑަށް ސިފަކުރެވެއެވެ.
ސިޔާސީ މައިދާނުގައި ކަންކަން ހިނގަންވީ މިފަދަ ގޮތަކަށްބާވައެވެ؟ އެއްބަޔަކު ނޫކުލަ ދެކެ ބިރުގަނެފައި އަނެއް ބަޔަކު ރީނދޫކުލަ ދެކެ ބިރުން އުޅެން ޖެހޭބާވައެވެ؟ ނޫކުލައިގެ ކަނޑުތެރެއިން އޮޑި ދުއްވާފައި ދާއިރު އޮޑީގެ ކުރީގައި އެހެން އުޅަނދެއް އޮވެގެން ކަނޑުގައި ރީނދޫކުލަ ޖައްސަމުން ދިއުން މިއީ ބުއްދިވެރި ހަމަޖެހޭ ކަމެއްބާވައެވެ؟ ދޮންކެޔޮލާއި ދޮންއަނބާއި ދޮންފަޅޮލުން ރީނދޫކުލަ ކަނޑުވައި ނޫކުލަ ލައިގެން އުޅުންމިއީ ޤުދުރަތީ ޤާނޫނަށް މަލާމާތްކޮށް ފުރައްސާރަ ކުރުން ނޫންބާވައެވެ؟ ކާން ގެންގުޅޭ ކާނާއާއި ތަށި ސަމުސާ ނޫކުލައިން ނުވަތަ ރީނދޫ ކުލައިން ބެހެއްޓުން މިއީ ކޮންމެހެންވެސް ކުރުން ލާޒިމު ކަމެއް ބާވައެވެ؟ އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހިން މިއަށްވުރެން ބޮޑަށް ސިޔާސީ މައިދާނުގައި އަރާއަރަފޯދެން ވެއްޖެއެވެ. އެހެންނޫނީ މިވެވެނީ ސިޔާސީއެއް ނޫނެވެ. މިވެވެނީ މުރުތައްދުނޫން އެހެން ކޮންކަމެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ.
ނަމަވެސް އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަން ލިބެނީ މިފަދަ ބޯދާ ވިސްނުންތައް ދޫކޮށް، މާޒީއަކީ މާޒީކަން ގަބޫލުކުރާ މީހުން ގިނަވަމުންދާ ކަމުންނެވެ. އަޅުގަނޑުމެންނަށް ހިންހަމަ ޖެހުން ލިބެނީ މިއަތޮޅުގެ ރައްޔިތުން ވެސް މަޑުމަޑުން ޒަމާނީ ޑިމޮކްރަސީއަށް ލޯހުޅުވި އެ ޑިމޮކްރަސީ ދަންނަ މީހުންގެ ފަހަތުން މަސައްކަތްކުރުމަށް ތެދުވަމުންދާތީއެވެ. އަޅުގަނޑުމެންނަށް ޖޯޝް އަންނަނީ މި ސަރުކާރާއެކު ރާއްޖޭގެ ޒުވާން ޖީލު ވާތީއެވެ.