މި ސަރުކާރުގެ އަމާޒަކީ، މި ރާއްޖޭގައި ޒަމާނީ ޤައުމެއް ބިނާކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މި ސަރުކާރާއި، ސަރުކާރު ހިންގާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)ގެ އަމާޒަކީ މި ރާއްޖޭގައި ޒަމާނީ ޤައުމިއްޔަތެއް ބިނާކުރެއްވުން ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ ޒަމާނީ ޤައުމެއް ބިނާކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ، މި މޭރުމުން ރޭ، ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ސިޔާސަތު ކަނޑައަޅުއްވާފައިވަނީ އެމް.ޑީ.ޕީ.އިން ވެފައިވާ ވަޢުދުތައް ފުއްދެވުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން، ދައުލަތުގެ ބަޖެޓް ފާސްކޮށްދެއްވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމުން ރާއްޖެ ބަދަލުވާނެ ކަމަށާއި، އަދި ރާއްޖެ ތަރައްޤީވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމް.ޑީ.ޕީ. ފިޔަވައި ރައްޔިތުންނަށް ވަޢުދެއްވެފައިވާ އެހެން ޕާޓީއެއް މިރާއްޖޭގައި ނޯންނާނެ ކަމަށާއި، އެމް.ޑީ.ޕީ. ފިޔަވައި އެހެން އެއްވެސް ޕާޓީއަކުން، އެ ޕާޓީއެއްގެ ވެރިކަމަށް އަތުވެއްޖެނަމަ، ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާނެ އެއްވެސް ކަމެއްގެ ތަފްޞީލެއް ރައްޔިތުންނަށް ދީފައި ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ވަޢުދަކާނުލައި، ވަޢުދު ފުއްދެވުމުގެ މަސައްކަތެއް ނުކުރެއްވޭނެ ކަމަށާއި، އެކަމަށް އޮތް ސިޔާސަތެއް ކަނޑައަޅުއްވައި އެ ސިޔާސަތު ތަންފީޒުކުރެއްވުމަށް ބޭނުންވާނެ ފައިސާ ހޯއްދަވާކަށް ނޫޅުއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރު، ރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވާކަމަށާއި، އެ އޮނިގަނޑުގައި، މި ސަރުކާރުން މީދޫއަށް ގެންނަވަން ބޭނުންފުޅުވާ ބަދަލު ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަމުގައި ވިދާޅުވިއެވެ. މީދޫއަކީ، މެދުރާއްޖެތެރޭގައި އޮތް އެންމެ ވަރުގަދަ އިޤްތިޞާދު ކަމަށާއި، އެކަށީގެންވާ ވަރުގެ ބޮޑު ބަނދަރެއް މި ސަރުކާރުން މީދޫގައި ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ބަނދަރު ހެއްދެވުމަށްފަހު، އެރަށުގައި ބޯޅަދަނޑެއް ހައްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީދޫގައި ލިބެން ހުރި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި، އެރަށުގައި ޓެލެމެޑިސިންގެ ޚިދުމަތް، މިއަހަރުގެ ތެރޭގައި ޤާއިމް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް މީދޫގައި ފުއްދަވައިދެއްވުމުގައި، ޚާއްޞަގޮތެއްގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމް ފުރިހަމަކުރެއްވުމުގައި ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން، މީދޫގެ 188 މީހަކަށް މަދަނައިގެ ތެރެއިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، 65 އަހަރުން މަތީގެ ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ޕެންޝަން، އެރަށުގެ 47 މީހަކަށް ލިބެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު، ނިލަންދެއަތޮޅު ދެކުނުބުރީ ވާނީއަށް ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެރަށުގެ މުސްތަޤުބަލާމެދު ރައްޔިތުން ދެކެވަޑައިގަންނަވާ ގޮތާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

2011 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢްލޫމާތު ދެއްވުމަށާއި، ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި ހިންގަވަން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢްލޫމާތު، އަތޮޅުތަކުގެ ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެއެވެ.