އެއްވެސް ފާޑު ކިޔުމަކުން ރައީސްގެޢަޒުމަކަށް ގުޑުމެއް ނާންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެ

މި ސަރުކާރާ ނިސްބަތްކޮށް ނުހަނު ގިނަ ފާޑުކިޔުމާއި، މި ސަރުކާރާބެހޭ ގޮތުން އެކި ފަރާތްތަކުން ތަފާތު ވާހަކަ ދައްކާނެ ކަމަށާއި، މިއިން އެއްވެސް ކަމަކުން އެމަނިކުފާނުގެ ޢަޒުމަކަށް، އެމަނިކުފާނުގެ އަމާޒަކަށް، އަދި އެމަނިކުފާނުގެ މަޤްޞަދަކަށް އެއްވެސް ގުޑުމެއް ނާންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ، މި ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވީ، 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢްލޫމާތު ދެއްވުމަށާއި، ސަރުކާރުން މިހާރު ހިންގަވާ ޕްރޮޖެކްޓްތަކުގެ މަޢްލޫމާތާއި، ކުރިއަށް ރާއްވަވާފައިވާ އަދި ފެށްޓެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢްލޫމާތު، ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން، ރޭ ނިލަންދެއަތޮޅު އުތުރުބުރީ ފީއައްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރު ހިންގާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.) އަކީ، އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި، ބިރު ފަހަނަޅައިގޮސް، މިރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަން ހޯދުމަށް ގުޅިގެން މަސައްކަތްކުރި ޕާޓީ ކަމުގައި ވިދާޅުވިއެވެ. އަދި އެ ޕާޓީން މި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކުލަވާލާފައިވާ ޕްރޮގްރާމް، ކުރިއަށް ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މި ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުންކަން ފާހަގަކުރައްވަމުން، މި ރޮނގުން ހޯއްދެވިފައިވާ ކާމިޔާބީގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. މި ކާމިޔާބީއާއި އެކަމުގެ ސަބަބުން ލިބިފައިވާ ތަރައްޤީ ފެންނަން ނެތްކަމުގައިވިޔަސް، ސީދާ ފީއަލީގެ ޔަތީމު ކުއްޖާއަށް ނުވަތަ އެކަނިވެރި މަންމައަށް، ނުވަތަ 65 އަހަރުން މަތީގެ 28 މީހުންނަށް، އަދި ފީއަލިން މަދަނައިގައި ރަޖިސްޓްރީވެފައިތިބި 125 މީހުންގެ ތެރެއިން ބޭސްފަރުވާ ހޯދަންޖެހުނު މީހުންނަށް، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ކާމިޔާބު އޮޅުންފިލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ޢުމްރާނީ ގޮތުން މި ސަރުކާރަށް ހޯއްދަވާފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މި ރާއްޖޭގައި ނަރުދަމާ ޤާއިމް ކުރެވިފައި އޮތީ އެންމެ ހަތަރު ރަށުގައި ކަމަށާއި، ނަމަވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި 17 ރަށުގައި ނަރުދަމާ ޤާއިމު ކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ސަރުކާރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ 60 ރަށެއްގެ ބަނދަރު ހައްދަވައިދެއްވުމަށް ވަޢުދުވެ ވަޑައިގެން، އެއާ ގުޅޭ އެއްވެސް ފައިސާ ހޯއްދަވާފައިނުވާ ކަމަށާއި، މި ވޭތުވެދިޔަ އަހަރުގެ ތެރޭގައި މި ސަރުކާރުން ރާއްޖޭގެ 43 ރަށެއްގެ ބަނދަރު ހައްދަވައި، އިތުރު 7 ރަށެއްގައި ފެނުގެ ޚިދުމަތް ޤާއިމް ކުރައްވައި ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ފީއަލީގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ފީއަލީ ބަނދަރުގެ ތޮށި މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ، މިއަހަރުގައި ބަޖެޓްގައި ހިމެނިފައިވާ ކަމަށާއި، ބަނދަރުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ފީއައްޔަކީ، އެރަށުގެ ބަނދަރާ ގުޅުވައިގެން ބާޒާރު ބަނދަރު ޕްރޮގްރާމްގެ ތެރެއިން ބަނދަރުމައްޗެއް ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައިވާ ރަށެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.