ރައީސް ނިލަންދެއަތޮޅު ދެކުނުބުރީ ތިންރަށަކަށް ވަޑައިގެންފި

2011 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢްލޫމާތު ދެއްވުމަށާއި، އެ ރަށެއްގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި ހިންގަވަން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢްލޫމާތު، އަތޮޅުތަކުގެ ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނިލަންދެއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށާއި އެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދުއަށާއި، ބަނޑިދުއަށާއި، ރިނބުދޫއަށް އިއްޔެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މާއެނބޫދޫއާއި ބަނޑިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި، ޤައުމު ތަރައްޤީ ކުރުމަށް، ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުގެ ހަމައެކަނި އަމާޒަކީ ދަރިންނަށް ރަނގަޅު ތަޢުލީމެއް ލިބޭނެ ގޮތެއް ހޯއްދަވައިދެއްވުމެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އަމާޒަކީ، ރާއްޖެއިން އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން މަދުވެގެން 60 ޕަސެންޓް ކުދިންނަކީ، ފަސް މާއްދާއިން ފާސްވާ ކުދިންކަމަށް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި އަމާޒު ޙާޞިލު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، 2010 ވަނަ އަހަރު މާއެނބޫދޫން އޯ ލެވެލް ހެދި ކުދިންގެ ތެރެއިން ފަސްމާއްދާއިން ފާސްވި ކުދިންގެ އަދަދު 15 ޕަސެންޓް އިތުރުވެފައިވާކަމަށް ވިދާޅުވެ، ބަނޑިދޫން މި އަދަދު 10 ޕަސެންޓް އިތުރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ބަނޑިދޫ ސްކޫލަށް އިތުރު ކުރަންޖެހޭ ހަތަރު ކްލާސްރޫމް މިއަހަރު އިތުރުކުރެވި، އަންނަ އަހަރު މި ސްކޫލް ހުޅުވޭނީ، އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ފެބްރުއަރީ ފަސްވަނަ ދުވަހަކީ ރާއްޖޭގެ ރަށްރަށުގެ ތަރައްޤީގެ މުސްތަޤްބަލްގެ ބިންގާ އެޅިގެންދާ ދުވަސް ކަމަށާއި، އަދި އެ އިންތިޚާބަކީ، އެތައްސަތޭކަ އަހަރެއް ވަންދެން މާލޭގައި ޖަމާވެފައިހުރި ބާރުތަކުން ބައެއް، ސީދާ ރަށްރަށާއި ރައްޔިތުންނަށް ލިބިގެންދާނެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބަނޑިދޫގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަސްވެރިން ބާނާމަހަށް ހަމައަގު ހޯއްދަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދަވައިދެއްވުމަށް، ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، ކުރިން ބާނާ 15 ޓަނުގެ މަހަށް ލިބުނު އަގު، މިހާރު 5 ޓަނަށް ލިބޭ ކަމުގައި ވިދާޅުވިއެވެ.

ރިނބުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރިނބުދޫގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތްވާގޮތުގެ މަތިން އެރަށް ތަރައްޤީ ކުރެއްވުމަށްޓަކައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން، އެރަށުގެ ވަށައިގެން ހުރި އެހެން ރަށްތަކާ ގުޅާލުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

މި ތިން ރަށުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް، ޚާއްޞަގޮތެއްގައި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.