ދަރަނބޫދޫއަކީ އިންސާނިއްޔަތަށް ލޯބިކުރާ ރައްޔިތަކު އުޅޭ ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

މެދު ޕްރޮވިންސްގެ ފ.ދަރަނބޫދޫއަކީ އިންސާނިއްޔަތަށް ލޯބިކުރާ ރައްޔިތަކު އުޅޭ ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފ. ދަރަނބޫދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ދަރަނބޫދުއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިން ގެނެސް، އެކުދިން ބަލަހައްޓާ ދަނާލެއް ހަދައި އެތަނުގައި އެކުދިންނަށް ތަޢުލީމު ދިނުމުގެ މަސައްކަތް ހިންގާ ރަށެއްކަން ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ވެ ވަޑައިގެންފައިވާ ވަޢުދުތަކަކީ، ރާއްޖޭގެ ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންގެ ބޭނުންތަކާއި އިޙްސާސްތަކަކީ ކޮބައިކަން ދެނެގަނެ، އެ ބޭނުންތައް ފުއްދަވައިދެއްވައި ރާއްޖެ ތަރައްޤީ ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްޓަކައި ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތު އެކުލަވާލައްވާފައިވަނީ، މި ވަޢުދުތައް ފުއްދެވުމަށްޓަކައި ކަމަށާއި، ދައުލަތުގެ ބަޖެޓް ތިން އަހަރު ދުވަހަށް އަންދާޒާ ކުރައްވައި، 2011 ވަނަ އަހަރުގެ ބަޖެޓް ފާސްކުރެވިފައިވަނީ، އެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދެއްވުމަށާއި، ސަރުކާރުން މިހާރު ހިންގަވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތާއި، ކުރިއަށް ރާއްވަވާފައިވާ އަދި ފެށްޓެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ނިލަންދެއަތޮޅަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު އިތުރު 5 ރަށަކަށް ވަޑައިގަންނަވާނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.