މިލާނޯ-ބިކޯކާ އައުޓްޕޯސްޓް، މަގޫދޫގައި ރައީސް ހުޅުއްވައިދެއްވައިފި

219

އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާ މޯލްޑިވްސް އައުޓް ޕޯސްޓް، މަގޫދޫގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ހަވީރު ހުޅުއްވައިދެއްވައިފިއެވެ.

މި އައުޓްޕޯސްޓް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ތަރައްޤީވުން ކަމަށާއި، ރައްޔިތުން ތަރައްޤީ ކުރުމަށް، އެމީހުންނަށް، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރަނގަޅު ތަޢުލީމެއް ލިބެންޖެހޭ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ބިނާވެފައި އޮތީ ތަރައްޤީވެފައިވާ ރައްޔިތެއް އުފެއްދެވުމުގެ މައްޗަށް ކަމަށާއި، މި ސިޔާސަތުގައި ހިމެނެނީ، ވަށާޖެހޭ ތަޢުލީމެއް ފޯރުއްވައިދެއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރިވަރުންނަށް މަތީ ތަޢުލީމެއް ލިބުމުގެ ފުރުޞަތު ފަހިކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާއާ ގުޅިގެން މިއަދު މި ހުޅުވުނީ، މިފަދަ މަތީ ތަޢުލީމުގެ ފުރުޞަތެއް ފަހިވެގެންދާނެ ޔުނިވަރސިޓީއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓްޕޯސްޓެއް ރާއްޖޭގައި ޤާއިމް ކުރެއްވުމުގެ މަސައްކަތް ފުރަތަމަ ފެށިގެން އައި ގޮތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޔުނިވަރސިޓީ އުފެދުނީ، އެމަނިކުފާނު 2009 ވަނަ އަހަރު ފެބްރުއަރީމަހު، އިޓަލީއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، ޔުނިވަރސިޓީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖޭގައި ފަރުތަކާއި ކަނޑާބެހޭ ތަޙްލީލް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން ކަމަށެވެ. އަދި، މި ހުށަހެޅުއްވުމާ ގުޅިގެން، މިފަދަ ތަޙްލީލަކީ އެކަމުގެ ފައިދާ، ރާއްޖެއަށް ލިބޭ ގޮތަށް ކުރެވޭ ތަޙްލީލަކަށް ވާންޖެހޭނެކަމަށް ސަރުކާރުން އެ ޔުނިވަރސިޓީއަށް ހުށަހެޅުއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަގޫދޫގައި މި އައުޓްޕޯސްޓް ޤާއިމް ކުރެއްވުމަށް ސަރުކާރުން ހުށަހެޅުއްވީ، ޤުދުރަތީ ގޮތުން އެ ސަރަޙައްދުގެ އަތޮޅުތަކުގެ މެދުގައި، އެހެން ރިޒޯޓްތަކާ ކައިރީގައި އަދި މާލެއާވެސް މާ ދުރުނޫން ހިސާބެއްގައި އޮތުމުން، މަގޫދޫގައި މި ފަދަ ތަނެއް ޤާއިމުކުރުމަކީ، އެކަމުގެ ފައިދާ ރާއްޖެއަށް ލިބޭނެ ކަމެއްކަމަށް ފާހަގަކުރެއްވިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާ މަގޫދޫ އައުޓްޕޯސްޓް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުން ތަރައްޤީއާމެދު ވިސްނާވިސްނުން ބަދަލުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. ތަރައްޤީއަކީ ކުރެވޭ ބިނާއަކުން ނުވަތަ އަޅާ ޢިމާރާތަކުން ހޯދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށް، ޙަޤީޤީ ތަރައްޤީ ލިބޭނީ ދަރިންނަށް ފުރިހަމަ ތަޢުލީމެއް ހޯދައިދެވިގެންކަން ބަލައިގަނެ، ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

މަގޫދޫގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ހިންގަވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފުރިހަމަވަމުން ދިޔުމުގެ ސަބަބުން، އެރަށަށް އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި މިއަހަރުގެ ތެރޭގައި، އެ ރަށުގެ ފަޅުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވާނެ ކަމަށާއި، އެ ރަށުގައި މިސްކިތެއް ބިނާކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދުއަށް މިވަޑައިގަތީ، ނިލަންދެއަތޮޅު އުތުރުބުރިއާއި އެ އަތޮޅު ދެކުނުބުރީގެ ބައެއްރަށްރަށް އެމަނިކުފާނު އިއްޔެ މެންދުރު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުންނެވެ. ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް މިކުރައްވާ ދަތުރުފުޅަކީ، 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދެއްވުމަށާއި، ސަރުކާރުން މިހާރު ހިންގަވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތާއި، ކުރިއަށް ރާއްވަވާފައިވާ އަދި ފެށްޓެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.