ޑީއާރުޕީގެ ޒައީމް މައުމޫނާއެކު ކިޔަވާ ވިދާޅުވި އަރަބި ވެރިން ތިބި ގައުމުތަކަށް ވަމުންދާ ގޮތުން އިބްރަތް ހާސިލްކުރުމަށް މޫސަ ގޮވާލައްވައިފި

-އިބްރާހީމް ރާމިޒް –

ޑީއާރުޕީގެ ޒައީމް މައުމޫން ޢަބްދުލްޤައްޔޫމާއެކު ކިޔަވާ ވިދާޅުވި އަރަބި ވެރިން ތިބި ގައުމުތަކަށް ވަމުންދާ ގޮތުން އިބްރަތް ހާސިލްކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.
ރޭ މަތި އުތުރު ޕްރޮވިންސްގެ ހދ.ހަނިމާދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ” މައުމޫނު ފަދައިން ޚުދުމުޚްތާރު ވެރިކަމެއް ކުރަމުންދިޔަ އޭނާގެ ކްލާސްމޭޓުންނާ ދެކޮޅަށް އަރަބި ގައުމުތަކުގެ ރައްޔިތުން މިއަދު އެތިބީ ތެދުވެ. ބައްލަވާ ޓިއުނީޝިޔާގެ ހާލަތަށް. ބައްލަވާ އޭނަ (މައުމޫނު) ކިޔަވަންހުރި ގައުމުގެ މިސްރުގެ ހާލަތަށް.”
” އެހެންވީމަ މިކަންކަމުން ވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުން އިބުރަތެއް ހާސިލްކޮށް، މައުމޫނުގެ ޚުދުމުޚްތާރު ވެރިކަން އަލުން އަނބުރާ މިގައުމަށް އަޔަ ނުދިނުމަށް މި ކައުންސިލް އިންތިޚާބުގަވެސް މަސައްކަތް ކުރަން ވެއްޖެ. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ގޮވާލަން އަރަބި ދުނިޔޭގެ މިއަދުގެ ހާލަތު މިސާލަކަށް ބައްލަވާށޭ.” ހަނިމާދޫގައި ވާހަކަފުޅު ދައްކަވަމުން ރޭ މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ޑީއާރުޕީއަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ވެއްޖެނަމަ މި ރާއްޖެ އަނެއްކާ ވެސް ދަތުރުކުރާނީ މިސްރާއި، ޓިއުނީޝިޔާ ފަދަ ގައުމުތައް އޮތް ހާލަތަށް ކަމަށާއި، ޚުދުމުޚްތާރު އަނިޔާވެރި ވެރިކަމެއް އިޔާދަނުކުރުމަށާއި، ޑިމޮކްރަސީ ހިމާޔަތްކުރުމަށް މި އިންތިޚާބުގައި އެމްޑީޕީއަށް ވޯޓުދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.