ގދ.ހޯނޑެއްދޫގައި ރޭ ހުޅުވި ސާދާ ޖަގަހައިގައި ހުރި ދިދައިގައި ބަޔަކު ރޯކޮށްލައި އެމްޑީޕީގެ ބެނާތަކަށް ގެއްލުން ދީފި

އިބްރާހީމް ރާމިޒް

hoandedhdhoo

ގދ.ހޯނޑެއްދޫގައި ރޭ ހުޅުވި ސާދާ ޖަގަހައިގައި ހުރި ދިދައިގައި ބަޔަކު ރޯކޮށްލައި އެމްޑީޕީގެ ބެނާތަކާއި ކެންވަސްތަކަށް ގެއްލުން ދީފިއެވެ.

އެގޮތުން އެރަށުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ އެމް.ޑީ.ޕީ ބެނާތަކާއި ކެންވާސްތަކަށް ރޭގެ ދަންވަރު ބަޔަކުމީހުން ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފައި ކަމަށާއި، ހޯނޑެއްދޫގެ ބޮޑެތި މަގުތަކުގައި ހަރުކޮށްފައިވާ ކެންވާސްތަކުގައްޔާއި ބެނާތަކުގައިކަޓަރުއަޅާފައިވާ ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

ރޭގެ ދަންވަރު ހިންގި މިއަމަލަކީ ޑީ.އާރް.ޕީގެ ޒައީމް ކާނޑެއްދޫއަށް ވަޑައިގަތުމުން ހިނގި ހަމަނުޖެހުމާއި ގުޅިގެން ހިންގި އަމަލެއްކަމަށް ބެލެވޭ ކަމަށާއި، ޑީއާރްޕީގެ އެކްޓިވިސްޓަކު ރޭ ފަތިހު ސާދާ ޖަގަހާގައި ޖަހާފައިހުރި އެމްޑީޕީ ދިދައެއްގައި ރޯކޮށްލި މަންޒަރު އެރަށު ބަޔަކަށް ފެނިފައިވާ ކަމަށް ހޯނޑެއްދޫއިން މައުލޫމާތު ދެއެވެ.

ރޭ ހޯނޑެއްދޫގައި ހުޅުވި “ސާދާ” ޖަގަހަ ހުޅުވައިދެއްވީ ހޯނޑެއްދޫގެ ދުވަސްވީ އަންހެން ބޭފުޅެއްކަމަށްވާ ދީދައްތައެވެ.

ހޯނޑެއްދޫގެ އިތުރުން ވެސް އެކި ރަށްރަށުގައި އެމްޑީޕީގެ ޖަގަހަތަކާއި ބެނާރތަކަށް ގެއްލުން ދެމުން ގެންދާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން މިއަދު ހދ.ނާވައިދޫއަށް ދިޔަ އެމްޑީޕީގެ ޓީމަށް އެރަށުން ހުރަސް އަޅަން މަސައްކަތްކޮށްފައިވާ ކަމަށް އެ ޓީމް ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވިއެވެ.