ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ޤައުމީ މަޞްލަޙަތު އިސްކުރައްވައި، ވާދަވެރި ސިޔާސީ ހުރިހާ ފަރާތަކަށްމެ އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ ހަމަހަމަ ޙައްޤުތައް ލިބިދެއްވައިގެން، އިންތިޚާބުތަކާބެހޭ ކަންތައްތައް ކުރިއަށްގެންގޮސްދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި އިލްތިމާސް ކުރެއްވިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ.

ރައްޔިތުންގެ ރުހުން ހޯއްދެވުމުގައި ވާދަވެރި ސިޔާސީ ޕާޓީތަކުން ހިންގަވަމުން ގެންދަވާ ޙަރަކާތްތަކަށް އެކިކަހަލަ ހުރަސްތައް މެދުވެރި ކުރައްވަމުން ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެއްގޮތަކަށްވެސް ތަރުޙީބުދެއްވާ ކަމެއްނޫން ކަމަށް ރައީސް އޮފީހުން މިއަދު ނެރުއްވި ނޫސް ބަޔާނުގައި ވެއެވެ.

މިދިޔަ ހަފްތާ ބަންދުތެރޭގައި، ހުވަދުއަތޮޅު ކާޑެއްދޫގަޔާއި، ކޮޅުމަޑުލު މަޑިފުށީގަޔާއި ތިމަރަފުށީގަޔާއި އަދި ބުރުނީގައި، ވާދަވެރި ސިޔާސީ ޕާޓީ، ޑީއާރުޕީ.ގެ އެންމެ އިސް ވެރީންނާ ދިމާކުރައްވައި ހަމަނުޖެހުން އުފައްދައި، އެބޭފުޅުން ބޭއްވެވި ޖަލްސާތަކުގެ އަމާންކަން ނަގާލައްވަން ބައެއް ފަރާތްތަކުން ކުރައްވާފައިވާ މަސައްކަތްތަކަކީ، ޑިމޮކްރަސީގެ ރޫޙާއި ހަމަތަކާއި ރިވެތި އުސޫލުތަކާ ޚިލާފް ޢަމަލުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް މި ނޫސް ބަޔާނުގައި ވެއެވެ.

“ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި ޖަލްސާތައް ހިންގުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ މިދުވަސްވަރު، ޤައުމީ މަޞްލަޙަތު އިސްކުރައްވައި، ވާދަވެރި ސިޔާސީ ހުރިހާ ފަރާތަކަށްމެ އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ ހަމަހަމަ ޙައްޤުތައް ލިބިދެއްވައިގެން އިންތިޚާބުތަކާބެހޭ ކަންތައްތައް ކުރިއަށްގެންގޮސްދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ. ސުލްހަވެރި ސިޔާސީ ހަރަކާތްތަކާ ދިމާކޮށް، ކުރިމަތިލުންތަކާއި ހަމަނުޖެހުމާއި، ހުރަސްއެޅުމާއި، މާރާމާރީގެ ޢަމަލުތައް ނުހިންގެވުމަށާއި، ޤައުމުގެ އެންމެހާ ރައްޔިތުންގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި އެކުވެރިވުން އިސްކުރެއްވުމަށް” މި ނޫސްބަޔާނުގައި ސިޔާސީ ހުރިހާ ޕާޓީއެއްގެ ވެރީންނަށާއި އެންމެހައި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާފައިވެއެވެ.