ލިޔުނީ: އަޙްމަދު ރަޝީދު – ލ. ފޮނަދޫ
“އެމްޑީޕީ ސަރުކާރުން އަހަރުން އަތޮޅަށް ނުވަތަ ރަށަށް ކޮށްދިނީ ކޮން ކަމެއް ހެއްޔެވެ؟” މިއީ ޢާއްމުގޮތެއްގައި މި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރަމުން އަންނަ ސުވާލެކެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރަމުން ގޮސް ޑީއާރްޕީއަށް ތާއިދުކުރާ ގެއަކަށް ވަދެވިއްޖެއްޔާ އެންމެ ފުރަތަމަވެސް ކުރިމަތި ކުރުވަނީ މި ސުވާލެވެ. އެގޮތުން ފޮނަދޫން ޑީއާރުޕީއަށް ތާއިދުކުރާ ގެއަކަށް ވަނުމުން އެގެއިން ކުރިމަތި ކުރުވީ “ފޮނަދުއަށް އަދުގެ ސަރުކާރުން ކޮށްދިން އެއްވެސް ކަމެއް ބުނެދީބަލާށެވެ؟” މި ސުވާލު ކުރިމަތި ކުރި ފަރާތުން މި ސުވާލު ކުރީ އަދުގެ ސަރުކާރުން ކޮށްދިން ކަމެއް ނުފެންނާތީކީ ނޫނެވެ. ނޭނގޭތީއެއް ނޫނެވެ. ކީރިތި ރަސޫލާ މުޙައްމަދު ސ.އ.ވ ރަސޫލުކަމައިގެން ފޮނުއްވުމުން ކާފަރުން ވެސް ކާބަފައިންގެ ދީން ދޫނުކުރަން ބަހަނާ ދައްކައި އުޅުނު ބީދައިން މިވެރިންވެސް ބަހާ ދައްކަނީ ކަމަށް ޤަބޫލު ކުރެވެއެވެ. މިހެން މިދެންނެވީ ސަބަބުތަކެއްވެސް ހުރެގެންނެވެ.
ފޮނަދުއަށް އަދުގެ ސަރުކާރުން ކޮށްދިނީ ކޮންކަމެއްހޭ ސުވާލުކުރާ ގިނަ މީހުންނަކީޢާއްމުގޮތެއްގައި ފެރީގެ އަގުހެޔޮ ޚިދުމަތް ބޭނުންކޮށްގެން އަތޮޅުތެރެއަށް ދަތުރުފަތުރު ކުރާ މީހުންނެވެ. މަދަނައިގެ ޚިދުމަތް ލިބިގަންނަ މީހުންނެވެ. 65 އަހަރުން މަތީ މީހުންނަކީ ސަރުކާރުން ދެއްވާ 2000 ރުފިޔާގެ ޚާއްޞަ ޢިނާޔަތް ލިބޭ މީހުންނެވެ. ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެއް ނުވަތަ ބޭފުޅެއް އުޅުއްވާ ގެއެއްނަމަ އެކަމަށް ދެއްވާ ޢިނާޔަތްވެސް ނަގަމުން އަންނަ މީހުންނެވެ. ކަން މިހެން އޮތްއިރު މި ދެއްކެނީ ކޮން ވާހަކައެއް ހެއްޔެވެ؟ މިކުރެވެނީ ކޮން ޝަކުވާތަކެއް ހެއްޔެވެ؟. އަޅުގަނޑަށް މިކަމުން މޭރުންވަނީ ހަމަ އެންމެ ކަމެކެވެ. ރަސޫލު ޒަމާނުގައި ގޮތްދޫނުކޮށް ކާބަފައިންގެ ދީނުގައި ހިފަހައްޓައިގެންތިބި ކާފަރުންހެން ގޮތުގައި ތިބެނީއެވެ.
ޖަހާލަތުގެ އަނދިރިކަމުގައި ބަޔަކު އިރެއްގައި ބޭތިއްބި ގޮތަށް އަދު ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް މަގުދައްކަން ތިއްބެވި ބޭފުޅުން އަންގަވަމުން ގެންދަވަނީ އަދިވެސް ތިޔަ ރައްޔިތުން އަނދިރި ކަމުގައި ތިބޭށެވެ. އެމްއެންބީސީ ވަން ނުބަލާށެވެ. ރާއްޖެ ރޭޑިއޯ އަޑު ނުއަހާށެވެ. ނުވަތަ ޙަޤީޤަތާއި އެއްގޮތަށް ހަމަހަމަކޮށް މަޢުލޫމާތު ފޯރުކޮށްދޭ ޗެނަލްތަކާއި ނޫސްތައް ނުކިޔާށެވެ. ޔަޢުނީ އެތަކެތި ބަލާނަމަ، އަޑުއަހާނަމަ، ނުވަތަ ކިޔާނަމަ ތިޔަބައިމީހުންނަށް ޙަޤީޤަތް އޮޅުން ފިލާފާނެއެވެ. ކަން މިހެން އޮތް ނަމަވެސް އަދުގެ ސަރުކާރުން ފޮނަދުއަށް ކޮށްދިން ބައެއް ކަންކަން މިލިޔުމުގައި ހިއްސާކޮށްލާނަމެވެ. އުއްމީދަކީ އަދުގެ ސަރުކާރުން ކޮށްދީފައިވާ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. ޞައްޙަ މަޢުލޫމާތު އެނގުނަސް އެމީހަކު ހުންނަން ބޭނުންވާ ޕާޓީއެއްގައި ހުރެވިދާނެކަން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ އަޅުގަނޑަށް ވަރަށް ހަމަޖެހިލައިގެން އިނދެ ޑީއާރްޕީން ބާއްވާ ޖަލްސާތަކާއި ނިއުސްކޮންފަރެންސްތައް ބަލައިލެވެއެވެ. އަދުގެ ސަރުކާރުން ބާއްވަވާ މިފަދަ ކަންކަންވެސް ބަލައިލެވެއެވެ. ބަނޑުދިޔާވެ، މޭ ނުބައިކޮށް ހޮޑުލަވާ ގޮތެއް ނުވެއެވެ. ބޮލަށް އެނބުރުމެއް ނާރައެވެ.
ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެރޭގައި އަދުގެ ސަރުކާރުން ފޮނަދުއަށް ކޮށްދީފައިވާ ބައެއް ކަންކަމާއި ކުރުމަށް ރާވައި ނިމިފައިވާ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
1- އިނާޔަތްތައް
ފޮނަދޫގެ 455 މީހުންނަށް މެދުކެނޑުމެއްނެތި މަދަނައިގެޚިދުމަތް ލިބެމުން އެބަދެއެވެ.
65 އަހަރުންމަތީގެ 100 މީހުންނަށް 2000 ރުފިޔާގެ ޢިނާޔަތް މެދު ނުކެނޑި ލިބެމުން އެބަދެއެވެ.
ޚާއްޞައެހީއަށް ބޭނުންވާ 17 ފަރާތަކަށް މެދުނުކެނޑި ޢިނާޔަތް ލިބެމުން އެބަދެއެވެ.
2- ޖީސީއީ އޯލެވެލް އިމްތިހާނުގައި އިށީން ދަރިވަރުންނަށް 1،81800 (އެއް ލައްކަ އައްޑިހަ އެއްހާސް އަށްސަތޭކަ) ރުފިޔާ ޚަދުކުރެވިފައިވޭ
3- ފޮނަދޫގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ހަމެޖެހިފައިވެއެވެ.
4- މަޢުމޫނު ސަރުކާރުގެ ދިގު 30 އަހަރު ދުވަހުގައި ފޮނަދޫގައި ހަދާ ނުދެވުނު ފެންވަރު ރަނގަޅު ބަނދަރު، އަދުގެ ސަރުކާރާއި ޙަވާލުވީފަހުން ހަދާފައިވަނީ 42 މިލިޔަން 5 ލައްކަ ރުފިޔާ ހޭދަކޮށްގެންނެވެ.
5- ނަރުދަމާގެޢަމަލީ މަސައްކަތް ފެށެނީއެވެ.
6- ފެރީ ނިޒާމް (ރަށު ބަންދުން ވީއްލުމަށް) ގެ ލުއި ފަސޭހަކަން ލިބެމުން އެބަދެއެވެ.
7 އަހަރު ދުވަހުން ފުރިހަމަ ކުރުމަށް ޕްލޭންކޮށް ޓާރގެޓްކުރި ފެރީ ނިޒާމްގެ އަސާސީ ޚިދުމަތް ދޭންޖެހޭ މިންވަރު އެންމެ 2 އަހަރު ދުވަސްވެސް ފާއިތު ނުވަނީސް ދެވެން ފަށާފައިވެއެވެ. އެގޮތުން މުޅި ރާއްޖޭގައިވެސް ފެރީގެ ނިޒާމް އެންމެ ފުރަތަމަ ފަށާފައިވަނީ ފޮނަދޫ ހިމެނޭ މެދު ދެކުނު ޕްރޮވިންސަށެވެ. އަޅުގަނޑު މުޚާޠަބު ކުރާގޮތުންނަމަ “ހައްދުންމަޑުލު” ގެ ރަށްތަކަށެވެ.
މިގޮތުން ފެރީގެ ޚިދުމަތް މުޅި ރާއްޖެއިން ބޭނުންކޮށްފައިވާ 3 ލައްކައެއްހާ ދަތުރުވެރިންގެ ތެރެއިން 1،13841 (އެއް ލައްކަ ތޭރަހާސް އައްސަތޭކަ ސާޅީސް އެކެއް) މީހުން މި ނިޒާމުގެ ބޭނުން މި ޕްރޮވިންސުން ހިފާފައިވެއެވެ. އޭގެތެރެއިން ފޮނަދޫ އިން އެކަނިވެސް 11،124 (އެގާރަ ހާސް އެއްސަތޭކަ ސައުވީސް) މީހުން ދަތުރު ފަތުރުކޮށްފައިވެއެވެ. އެހެނިހެން ރަށްރަށުން ފޮނަދުއަށް 10،944 (ދިހަ ހާސް ނުވަސަތޭކަ ސާޅީސް ހަތަރެއް) މީހުން އައިސްފައިވެއެވެ.
7- މަސްވެރިކަން
އަތޮޅުގައި މަސްވެރިކަމުގެ ސިނާޢަތުގެ ޕްރޮޖެކްޓްތައް ހިންގުމަށް ހުޅުވާލެވުނު ފުރުޞަތުގެ ބޭނުން 8 ކުންފުނިން ހިފައި، ޕްރޮޕޯސަލް ހުށައަޅާފައިވެއެވެ.
2008 ވަނަ އަހަރު މަސްކިލޯއެއް ސަރުކާރުން ގަންނަ އަގު 2.50 (ދެރުފިޔާ ފަންސާސް ލާރި) އަށް ހުރި ނަމަވެސް މިއަހަރު މިހާރު މަސްކިލޯ އެއް ގަންނަ އަގަކީ 10 ރުފިޔާ އާއި 12 ރުފިޔާއާއި ދެމެދުގެ ރޭޓެއްގައެވެ.
8- ފަތުރުވެރިކަން
ގެސްޓްހައުސް ފަދަ ތަންތަން ހިންގުމަށް ފުރުޞަތު ހުޅުވާލެވި ވަޒީފާތައް ހުޅުވާލެވިފައި. އެގޮތުން މިހާރުވެސް އެއް ގެސްޓްހައުސް އިން ގިނަބަޔަކަށް ވަޒީފާ ދެވިފައިވެއެވެ.
9- ތަޢުލީމް
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދިގު ތާރީޚްގައި ސަރުކާރުން ހަމަޖައްސައި ނުދެވުނު ޤުރުއާން މުދައްރިސް ހަޖައްސަވައިދެއްވީ މިސަރުކާރުންނެވެ.
ގަމު އައްސޭރި ފަތުރުވެރިކަމުގެ ނަމުގައި ގަމުގެ “ބޭވޮޗް” ސަރަޙައްދުންފެށިގެން ތުނޑީގެ ސަރާސަރު ގޮނޑުދޮށާއި ހަމައަށް ފަތުވެރިކަމަށް ހުޅުވާލުމަށް ނިންމާފައެވެ. މިކަމުންވެސް ގަންފޮނަދޫގެ ގިނަބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެން ދާނެއެވެ.
މި ލިޔުމުގައި ހިމަނާލެވުނު ކަންކަމުގެ އިތުރުންވެސް ގިނަކަންތައް ތަކެއް ޕްލޭންކުރެވިފައިވެއެވެ. އެގޮތުން ގަންފޮނަދޫގެ ސިނާޢީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ފަންޑުލިބިފައިވެއެވެ.