ފޮނަދޫ އެމްޑީޕީ ހަރުގޭގައި ކެމްޕޭންގެ ޙަރަކާތްތައް މެކުހަށް ޖަހާފައިވާ ކަމަށް ފޮނަދޫ ދާއިރާއިން ބުނެފި

އިބްރާހީމް ރާމިޒް

haruge-alert-1-400-x-306

ފޮނަދޫ އެމްޑީޕީ ހަރުގޭގައި ކެމްޕޭންގެ ޙަރަކާތްތަކާއި ރަށުތެރެ ރީނދޫ ކުރުމުގެ ހަރަކާތްތައް މެކުހަށް ޖަހާފައި ވާކަމަށް ފޮނަދޫ އެމްޑީޕީ ހަރުގެއިން މަޢުލޫމާތު ދެއެވެ. އަދި ފޮނަދޫގައި ދުވަހެއް ދުވަހަކަށް އެމްޑީޕީގެ ސަޕޯރޓަރުން އިތުރުވެ ޙަރަކާތްތައް އިތުރުވަމުން އަންނަ ކަމަށް ވެސް ފޮނަދޫ އެމްޑީޕީ ހަރުގެއިން ބުނެއެވެ.
ފޮނަދޫ ހަރުގެއިން ކުރަމުން އަންނަ މަސައްކަތް ރެޔާދުވާލު މެދު ނުކެނޑި ފޯރިއާއެކު އެއްވާނެއްގައި ކުރިއަށް ގެންދާ ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ. އެގޮތުން ބެނާ ހެދުމާއި، ދިދަފަތި ހެދުމާއި އެމްޑީޕީގެ ދިދަ ތައްޔާރު ކުރުމާއި ބޮޑެތި ބިލްބޯޑުތައް ހަދައި ރަށުގެ އެކި ހިސާބުތަކާއި ބަނދަރު ސަރަޙައްދުގައި ޖަހަމުން ގެންދާކަމަށް އެމްޑީޕީ ފޮނަދޫ ދާއިރާއިން ބުނެއެވެ.
“އަޅުގަނޑުމެން މިހާ ފޯރިއާއިއެކު ޙަރާކާތްތައް ކުރިއަށް މިގެންދަނީ މާދަމާ ޑީއާރްޕީގެ ޒަޢީމު (ލީޑަރު) ފޮނަދުއަށް ވަޑައިގަންނަވާތީ ބޭނުންވަނީ ފޮނަދޫގެ މަގުތަކާއި ހާބަރުން މުޅިންވެސް ރީނދޫ ކުލަ ދައްކަން. އެގޮތުން ބެނާތަކުގައިވެސް މަޢުމޫނުގެ ތިރީސް އަހަރުގައި ނުކުރެވިހުރި ކަންކަން މިސަރުކާރުން ކުރަމުން އަންނާތީ އެކަންކަން ވަރަށް ބޮޑަށް ފާހަގަ ކުރަމުން މިގެންދަނީ.” އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން ފޮނަދޫ އެމްޑީޕީ ހަރުގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވިއެވެ.
ޑީއާރްޕީ އެކްޓިވިސްޓުން މިފަހަކަށް އައިސް ރަށުތެރޭގައި ނޫކުލަ ފަތުރަމުން ގެންދިޔަ ނަމަވެސް، ފޮނަދޫން މަޢުލޫމާތު ލިބޭގޮތުން މިހާރު ފޮނަދޫގެ ހާބަރާއި މަގުތަކުން ފެންނާނީ ރީނދޫކުލައިން ޖަރީކޮށްފައި ވާތަނެވެ.
“މިހާރު ދެތިންރޭ މިވަނީ މިގޮތަށް ނުނިދާތިބެ މަސައްކަތް ކުރަމުން އަންނަތާ. ރެޔާ މިރޭ މީ ހަމަ ފުލް އެލަރޓްގަ މަސައްކަތް މެކުހަށް ޖަހާފައިވާ ދެރޭ. މާދަމާ ވެސް ފޯރިގަދަ ޙަރަކާތްތަކެއް ކުރިއަށް ދާނެ.” ފޮނަދޫގައި ކުރިއަށްދާ އެމްޑީޕީ ހަރަކާތްތައް މީޑިއާ ކޯރޑިނޭޓަރ މި ސައިޓާއި ހިއްސާކުރިއެވެ. ހަރުގޭގައި ފޯރިއާއިއެކު މަސައްކަތް ކުރަމުންދާވަގުތު ރަށުތެރޭގައި ކެންޑިޑޭޓުންގެ ކެމްޕޭން ވެސް ފޯރިއާއެކު ކުރިޔަށްދާ ކަމަށް އެމްޑީޕީ ފޮނަދޫ ދާއިރާއިން މައުލޫމާތުދެއެވެ.