މިހާތަނަށް ރާއްޖޭގައި ތަރައްޤީ މިނިފައި ހުރީ ކޮންކްރީޓުން ކުރާ ކަންކަމުގެ ނިސްބަތުން ކަމަށް ރައީސް ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

މިހާތަނަށް ރާއްޖޭގައި ތަރައްޤީ މިނިފައި ހުރީ ކޮންކްރީޓުން ކުރާ ކަންކަން، ނުވަތަ ފެންނަން ހުންނަ ބޮޑެތި ބިނާތަކާއި، ބޮޑެތި ބަނދަރުތަކުގެ ނިސްބަތުން ކަމަށް ރައީސުލްޖުންހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ށ.މާއުނގޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޙަޤީޤީ ތަރައްޤީ ހޯދޭނީ، ދަރިންނާ އަޅާލައި، އެކުދިންނަށް ފުރިހަމަ ތަޢުލީމެއް ހޯދައިދެވި، ރަށުގެ ރައްޔިތުންނަކީ ތަންދޮރު އެނގޭ ބަޔަކަށް ހަދައިގެންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.
މާއުނގޫދޫ ބަނދަރު މިއަހަރު ސަރުކާރުން ހައްދަވައިދެއްވާނޭ ކަމަށާއި، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، މިފެށޭ ފެބްރުއަރީ މަސް ނިމެންވާއިރަށް، ކޮންމެ ދުވަހަކު އެއްފަހަރު މާއުނގޫދޫން ފެރީ ފުރާ، އަދި ދުވާލަކު އެއްފަހަރު އެ ރަށަށް ފެރީ ލަފަން ފަށާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާއުނގޫދޫއަށް ފަހު އެއަތޮޅު ޅައިމަގަށް ވެސް ރައީސް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ރައީސް ބައްދަލުކުރެއްވިއެވެ. ޅައިމަގުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުން ހިފަހައްޓައި، ރައްޔިތުން އޮބަހައްޓައި، ރައްޔިތުންނަށް ބިރުދައްކައިގެން ރައްޔިތުންނަށް ލިބޭނެ ތަރައްޤީއެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ ރަށްރަށާއި، އަޅުގަނޑުމެން ބޭނުންވަނީ މި ޤައުމާއި މި ރަށްރަށުގެ ތަރައްޤީ ކަމަށްވަނީނަމަ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޙިމާޔަތްކޮށް، ނަގަހައްޓައި، މުޖްތަމަޢުގައި ބިންވަޅުނަގައި ލަހައްޓަންޖެހޭ ކަމުގައި ވިދާޅުވިއެވެ .