ރައީސް ށ. އަތޮޅުގެ އިތުރު ހަތަރު ރަށަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މަތިއުތުރު ޕްރޮވިންސްގެ ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެއަތޮޅުގެ އިތުރު ހަތަރު ރަށަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

އެގޮތުން އިއްޔެ އެމަނިކުފާނު ށ.ފޭދޫ، ނަރުދޫ ، ކޮމަންޑޫ އަދި ފުނަދޫ އަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނަ ބައްދަލުކުރެއްވިއެވެ.

ފޭދޫގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސިޔާސީ ފުރުޞަތަކަށްޓަކައި، އަޅުގަނޑުމެންގެ ދަރީންނާއި، އެކުދިންގެ މުސްތަޤްބަލް ހަލާކުކޮށްލައިގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ދަރީންނަށް ރަނގަޅު ތަޢުލީމެއް ނުދެވޭ ކަމަށްވަނީނަމަ، ރަށުގެ ނުވަތަ ޤައުމުގެ ތަރައްޤީއަށް ކުރާ އެއްވެސް ކަމެއްގެ ބޭނުމެއް ނެތް ކަމަށާއި، ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރެވޭނެ ހުރިހާ މަގެއް ހޯއްދެވުމަކީ ސަރުކާރާއި، އަދި ހުރިހާ އެންމެންގެ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބައެއް ރައްޔިތުން ނުކުމެ ސްކޫލްތައް ބަންދުކުރުންފަދަ ކަންކަން އެބަ ހިނގާ ކަމަށާއި، ރާއްޖެ ތަރައްޤީ ކުރެއްވުމުގެ މަގަށް ހުރަސް އެޅޭފަދަ ކަންކަން، ސިޔާސީ ބޭނުމަށްޓަކައިވިޔަސް ކޮށްގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިއްޔެ ހަވީރު ނަރުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރަށްވެހިކަމުގެ އެކިއެކި ތަޖުރިބާ، ނަރުދޫ ދެކެމެން އަންނަތާ ވަރަށް ގިނަ ޒަމާންތަކެއް ވެފައިވާ ކަމަށާއި، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ކުދި ރަށްރަށުގައި ދިރިއުޅޭ މީހުން ބޮޑެތި ރަށްރަށަށް ބަދަލު ކުރެއްވުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމަންޑޫގައި ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރަކީ އަބަދުވެސް، ޒަމާނީ ނިޒާމާއި ޒަމާނީ ޓެކްނޮލޮޖީ ހޯދާނެ ސަރުކާރެއް ކަމުގައި ވިދާޅުވިއެވެ. އަދި ކޮމަންޑޫގެ ވަށާ ތޮށްޓެއް ލެވި، ކޮމަންޑޫން ބިން ހިއްކެން އޮތް ވަރަކަށް އިރާދަކުރެއްވިއްޔާ ބިން ހިއްކޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު މިހާރު މި ހުންނެވި ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލެވޭނެ ބުރިޖެއްގެ ޑިޒައިނަކަށް އެދިވަޑައިގެންކަން ހާމަކުރެއްވިއެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ ޑިޒައިން ލިބޭނެ ކަމަށާއި، ލިބުމާއެކީގައި ބަޔަކާ ހަވާލުކުރެއްވުމުގެ ޓެންޑަރ ހުޅުވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަތިކޮމަންޑޫގައި 50 ފްލެޓް އެޅުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މިއަހަރު ފެށްޓެވުމަށް ނިންމަވާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. ހަމައެއާއެކު، ކޮމަންޑޫއަކީ ޓެލެ މެޑިސިންގެ ޚިދްމަތް ލިބޭ ރަށަކަށް މިއަހަރު ވެގެންދާނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ރޭ ފުނަދޫގައި ދެއްކެވި ވާހަކަފުޅުގައި އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 އިންސައްތަ ކުދިންނަކީ، ފަސް މާއްދާއިން ފާސްވާ ކުދިންނަށް ހެއްދެވުމަށް އެމް.ޕީ.ޑީ ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު، ފުނަދޫގައި ފުއްދަވައިދެވިއްޖެ ކަމުގައި ވިދާޅުވިއެވެ. މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިޙާނުގައި، ފުނަދޫގެ 67 އިންސައްތަ ކުދިން 5 މާއްދާއިން ފާސްވެފައިވާކަން އެއީ، ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވިދާޅުވެ، އެ ހުރިހާ ކުދިންނަށް ރައިސުލްޖުމްހުރިއްޔާ ތަހުނިޔާ އަދާކުރެއްވިއެވެ. 2009 ވަނަ އަހަރާ އަޅާބައްލަވާއިރު، މިފަހަރު މިހޯދީ، 32 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، އެންމެ މޮޅު ނަތީޖާ ހޯދި ކުދިންގެ ތެރޭގައިވެސް ފުނަދޫގެ 5 ކުދިން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.