ރައްޔިތުންގެ ނުރުހުމުގައި އެހެން ރަށަކަށް ބަދަލުކުރެއްވުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އެއްވެސް ރަށެއްގެ ރައްޔިތަކު، އެ ރައްޔިތެއްގެ ނުރުހުމުގައި އެހެން ރަށަކަށް ބަދަލުކުރެއްވުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާއަށް އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ދަތުރުފުޅުގައި، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ނޫމަރާ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ރައްޔިތުން، ކުރީ ސަރުކާރުން ބޮޑެތި ރަށްރަށަށް ބަދަލުކުރައްވާފައިވުމާއެކު، އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވުމާއެކު، މި ސަރުކާރުގެ ސިޔާސަތުތައް ބިނާވެފައި އޮތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)ގެ މެނިފެސްޓޯގެ ބާރުއަޅަނީ މި ރާއްޖޭގެ ޖަޒީރާކަން ކަނޑާ ނުލުމަށްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގަދަބާރުން މީހުން އެއްރަށުން އަނެއްރަށަށް ބަދަލުކުރުމާއި، އެމީހުން އެހެން ރަށަކަށް ގެންދިޔުމަށް ބާރުއެޅުމާއި، ސަރުކާރުން އެ ރަށްރަށަށް ދެއްވާ ޚިދުމަތްތައް ދެއްވުން ހުއްޓަވާލެއްވުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނޫމަރާގެ ތަރައްޤީގެ ތަޞައްވުރެއްވެސް އެބައޮތް ކަމާއި، މިއަހަރުގެ ތެރޭގައި ނޫމަރާގެ ބަނދަރު ހަދަން ފެށޭނެކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު އިންޖީނުގެއާއި ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެ ދެތަން ބައްލަވާލެއްވިއެވެ.

ނޫމަރައަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ އެ އަތޮޅު ބިލެތްފައްސަށެވެ.

ބިލެތްފަހީ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އަމާޒަކީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން 60 ޕަސެންޓް ދަރިވަރުންނަކީ، ފަސް މާއްދާއިން ފާސްވާ ދަރިވަރުން ކަމުގައި ހެއްދެވުން ކަމުގައި ވިދާޅުވިއެވެ. އަދި ބިލެތްފަހީ ސްކޫލުގެ ނަތީޖާ، މިދިޔަ އަހަރަށްވުރެ މިއަހަރު ރަނގަޅުވުމަކީ، އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކިޔަވާ ކުދިންނާ އަޅާ ނުލެވޭނަމަ މި ޤައުމުގެ މުސްތަޤްބަލުގެ ތަރައްޤީ ނުހޯދޭނެ ކަމަށާއި، ސަރުކާރުން އެކުދިންނާ އަޅާލައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ސަބަބުން، ދަރިންގެ ކިޔެވުމާއި އެކުދިންގެ މުސްތަޤްބަލު ނަގާނުލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބިލެތްފައްސަށް މި ކުރެއްވި ދަތުރުފުޅުގައި، ބިލެތްފަހީ ސްކޫލަށް ޒިޔާރަތް ކުރައްވައި ޓީޗަރުންނާ ބައްދަލުކުރައްވައި، ސްކޫލުގެ ކިޔަވައި ދިނުމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް ބާރު އެޅުއްވިއެވެ. އަދި އޯ ލެވެލްގެ ނަތީޖާވެސް ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނޫމަރާއާއި ބިލެތްފަހީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އެ ދެރަށަށް ލިބެމުންދާ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.