އިހަވަންދުއަކީ މަސްވެރި ތަރައްޤީގެ ނާރެހަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދުއަކީ، މަސްވެރި ތަރައްޤީގެ ނާރެހަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ އެންމެ އުތުރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިހަވަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަނދަރެއްގެ ހުރިހާ ބޭނުންތަކަކާއި، ބަނދަރު މައްޗަކާއެކީގައި އިހަވަންދޫގެ ބަނދަރު ސަރުކާރުން ތަރައްޤީ ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، އިހަވަންދޫ ބަނދަރާއި ހޯރަފުށީ ބަނދަރު، ލާމެހި ގުޅުވާލައްވައި ދެ ބަނދަރު އެއީ އެއް ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުން ކަމަށެވެ.

އިހަވަންދޫއަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވަމުން، މަސްވެރިން ބާނާ މަހަށް ހަމައަގު ހޯއްދަވައިދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މި ވަޢުދު ފުއްދެވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ކުރައްވާފައިވަނީ މައިގަނޑު ދެ ކަމެއް ކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ބާނާ މަހަށް ލިބޭ އަގު މައްޗަށް ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ފުރަތަމަ ކަމަކީ، ރާއްޖޭގެ ވަށައިގެން ލޭނު އެޅުމުގެ މަސްވެރިކަން ކުރުމަށް ކުރީ ސަރުކާރުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދޫކުރައްވާފައިވާ ލައިސަންސްތައް އަލުން އާކޮށް ނުދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެ ވަނަ ކަމަކީ، މަސްވެރިކަން ވާދަވެރި ވިޔަފާރިއަށް ހުޅުއްވާލެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިހަވަންދޫގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަވަން ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، އެ ރަށުގައި ފެނުގެ ޚިދުމަތް ފޯރުއްވައިދެއްވުމުގެ މަސައްކަތް 45 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓް ކުރައްވާފައިވާ ކަމާއި، އަދި މި އަހަރުގެ ތެރޭގައި އެ ރަށުގެ ޞިއްޙީ މަރުކަޒުގައި ޓެލެމެޑިސިންގެ ޚިދުމަތް ޤާއިމް ކުރައްވާނެކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.