ރައީސުލްޖުމްހޫރިއްޔާ ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށްޓަށް އިއްޔެ ހަވީރު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން، ހޯރަފުށީ ސްކޫލަކީ، އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ހެއްދެވުމަށް ބޭނުންވާ 12 ކްލާސްރޫމް މިއަހަރު ހަދާ ނިމޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ހެޔޮ ނަތީޖާ، މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިޙާނުން ފެނިގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ހޯރަފުށީ ސްކޫލުން އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވީ މިންވަރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 17 ޕަސެންޓުން މައްޗަށްގޮސް، ހޯރަފުށީން މި އިމްތިޙާނުގައި ބައިވެރިވި ކުދިންގެ 58 ޕަރސެންޓު ކުދިން ފަސް މާއްދާއިން ފާސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވިއެވެ.އަދި ހޯރަފުށީ ދަރިވަރުންގެ ބެލެނިވެރިންނަށާއި، ޓީޗަރުންނަށާއި، ސްކޫލްގެ އިސްވެރިންނަށާއި، އަދި ޚާއްޞަ ގޮތެއްގައި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މުޞްޠަފާ ލުޠްފީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ހޯރަފުށީގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގެ ތެރެއިން، މިހާރު ކުރިއަށްދާ އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށާއި، ހޯރަފުށްޓަކީ، ބަނދަރާއެކު ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް މިއަހަރު ހިންގެވުމަށް ހަމަޖައްސަވާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 2011 ވަނަ އަހަރު ހޯރަފުށީގައި ފެންހޮޅި އެޅުމަށް ބަޖެޓް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، ރާއްޖޭގައި ލިބެން ހުރި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތުގެ ތެރެއިން، މިއަހަރު ހޯރަފުށީގައި ޓެލެމެޑިސިންގެ ޚިދުމަތް ޤާއިމް ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިއްޔެ ވަރަށް ހަވީރު، އެ އަތޮޅު އިހަވަންދުއަށް ވަޑައިގެންފިއެވެ. އިހަވަންދޫ ރައްޔިތުންނާ އެމަނިކުފާނު ރޭ ބައްދަލުކުރައްވާނެއެވެ.