އެމްޑީޕީ.އިން ވެފައިވާ ވަޢުދުތަކަކީ އެ ވަޢުދުތައް ފުއްދުމުން ފިއްލަދުއާއި ވަށަފަރު، އަދި މުޅި ރާއްޖެވެސް ތަރައްޤީވާނެ ވަޢުދުތަކެއް – ރައީސް

އެމް.ޑީ.ޕީ.އިން ވެފައިވާ ވަޢުދުތަކަކީ އެ ވަޢުދުތައް ފުއްދުމުން ފިއްލަދުއާއި ވަށަފަރު، އަދި މުޅި ރާއްޖެވެސް ތަރައްޤީވާނެ ވަޢުދުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ އެންމެ އުތުރުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ތިލަދުންމަތީ އުތުރުބުރީ ފިއްލަދުއާއި އެ އަތޮޅު ވަށަފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެ ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)އިން ސަރުކާރާ ހަވާލުވީ، ރާއްޖޭގެ ކޮންމެ ރަށެއްގެ، އޭގެ ތެރޭގައި، ފިއްލަދޫއާއި، ވަށަފަރުގެވެސް ތަރައްޤީގެ ތަޞައްވުރަކާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. މިގޮތުން، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމުގެ ވަޢުދު ފުއްދެވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީއާއި، އެކަމުގެ ސަބަބުން އެ ދެރަށަށް ލިބެމުންދާ އިޖްތިމާޢީ އަދި އިޤްތިޞާދީ ފައިދާގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ތެރެއިން، ފިއްލަދޫގެ 144 ރައްޔިތަކާއި، ވަށަފަރުގެ 114 ރައްޔިތަކު މަދަނައިގައި ހިމެނިފައިވާ ކަމަށާއި، ދޮށީ އުމުރުގެރުގެ ރައްޔިތުންނަށް ޕެންޝަނުގެ ގޮތުގައި ދެއްވާ ދެހާސް ރުފިޔާގެ ޕެންޝަން ފިއްލަދޫގެ 45 މީހަކަށާއި، ވަށަފަރުގެ 38 މީހަކަށް ދެއްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިއަދުދެއްކެވި ވާހަކަފުޅުގައި، ސުނާމީގައި ފިއްލަދޫ ރައްޔިތުންނަށް ލިބުނު ގެއްލުމާ ގުޅިގެން ލިބެންޖެހޭ ބަދަލު ދެއްވުމަށް ބޭނުންވާ ފައިސާ، މިހާރު މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާކަން ހާމަކުރެއްވިއެވެ. އަދި ސަރުކާރުން މި ފައިސާ ދެއްވަން ބޭނުންފުޅުވަނީ ޝަރީޢަތުގެ ހުރިހާ މަރުޙަލާތަކެއް ނިމި، ޝަރީޢަތުން ކަނޑައަޅާ އެންމެ އިންސާފުވެރި ގޮތެއްގެ މަތިން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވަށަފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވަށަފަރުގައި ވަށާޖެހޭ ތަޢުލީމެއް ދެއްވުމަށްޓަކައި ކުރައްވާ މަސައްކަތުގެ ދަށުން، 2012 ވަނަ އަހަރުގެ ދިރާސީ އަހަރަށް ވަށަފަރު ސްކޫލް ހުޅުވޭނީ، އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީ ދިއްދުއަށް ވަޑައިގެންނެވިއެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައި އެ ސްކޫލުގެ ޓީޗަރުންނާ ބައްދަލުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ، އެ ރަށުގައި ދެއްކެވި ވާހަކަފުޅުގައި، ހއ.އަތޮޅު ތަޢުލީމީ މަރުކަޒަކީ، ރާއްޖޭގައި އޯ ލެވެލް ހަދާ ކުދިންގެ ތެރެއިން 60 ޕަރސެންޓް ކުދިންނަކީ 5 މާއްދާއިން ފާސްވާ ކުދިން ކަމުގައި ހެއްދެވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެއް ސްކޫލްކަން ފާހަގަކުރެއްވިއެވެ. އަދި މި ސްކޫލުން 2010 ވަނަ އަހަރު އޯ ލެވެލް އިމްތިހާން ހެދި ކުދިންގެ 73 ޕަރސެންޓް ކުދިން ފަސް މާއްދާއިން ފާސްވެފައިވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.