މާލެއަށް ލިބިފައިވާފަދަ ތަރައްޤީއާއި އެންމެހާ ޚިދުމަތްތައް ކުޅުދުއްފުށީގައިވެސް ޤާއިމުކުރެއްވުމަކީ، ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މާލެއަށް ލިބިފައިވާފަދަ ތަރައްޤީއާއި އެންމެހާ ޚިދުމަތްތައް ކުޅުދުއްފުށީގައިވެސް ޤާއިމު ކުރެއްވުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށާއި، ސަރުކާރުގެ ބޭނުންފުޅަކީ، މިރަށުން ދެވޭނެ ޚިދުމަތްތައް، އުތުރުގެ ހުރިހާ ރައްޔިތުންނަށް ބޭނުންކުރެވޭނެ ރަށަކަށް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ކުޅުދުއްފުށީގައި ބޭއްވެވި އެމް.ޑީ.ޕީ.ގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމާއި، ރައްޔިތުން ބިންވެރި ކޮށްދެއްވުމަކީ، ސަރުކާރުގެ ވަޢުދެއް ކަމަށް ވިދާޅުވިއެވެ. އަދި އާބާދީ މަދު، ބިން ކުޑަ ރަށްރަށުގެ ބިން ބޮޑުކުރައްވައި، ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމަށް ސަރުކާރުންވަނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ކުރައްވާފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، މަތި އުތުރު ޕްރޮވިންސްގެ ދިއްދޫއާއި ކުޅުދުއްފުށީގެ ބިން ބޮޑުކުރައްވާފައިވާ ކަމަށާއި، އެބިމުގެ ފުރިހަމަ ބޭނުން، މުޅި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް ހިފޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މަތި އުތުރު ޕްރޮވިންސްގެ 11 ރަށެއްގައި ބަނދަރު ހައްދަވައި، ބިންހިއްކުމުގެ މަސައްކަތް ހިންގަވާފައިވާ ކަމަށާއި، މި 2011 ވަނަ އަހަރު އިތުރު 13 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބަނދަރާ ގުޅުވައިގެން ބަނދަރުމަތި ނުވަތަ ބާޒާރު ބަނދަރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމް، 2011 ވަނަ އަހަރު، މަތި އުތުރު ޕްރޮވިންސްގެ ކުޅުދުއްފުށީގަޔާއި، ހޯރަފުށީގަޔާއި، އިހަވަންދޫގަޔާއި، ދިއްދޫގައި ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތިލަދުންމަތީގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، ތިލަދުންމަތިން ލިބެން ހުރި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، މިއަހަރުގެ ތެރޭގައި ތިލަދުންމަތީގެ ދިހަ ރަށެއްގައި ޓެލެމެޑިސިންގެ ޚިދުމަތް ޤާއިމް ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިރާއްޖޭގެ ތަރައްޤީގެ ޙަޤީޤީ ނާރެސްތަކަކީ، މަދަރުސާތައް ކަމުގައި ވިދާޅުވަމުން، ރާއްޖޭގެ ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ދެއްވައި، ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވައިދެއްވަން ފެށްޓެވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، މަތިއުތުރު ޕްރޮވިންސްގައި މިހާތަނަށް 28 ކްލާސްރޫމް ޢިމާރާތް ކުރެވި، އިތުރު 54 ކްލާސްރޫމެއްގެ މަސައްކަތް ހިނގަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 20 ކްލާސްރޫމް ޢިމާރާތް ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ޙަޤީޤީ ނަތީޖާ ހާމަވަނީ، 2010 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާއިން ކަމަށާއި، 2008 ވަނަ އަހަރާ އަޅާބަލާއިރު 2010 ވަނަ އަހަރު، މުޅި ޕްރޮވިންސްގެ ނަތީޖާ، 7 ޕަސެންޓުން މައްޗަށް ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމުގެ ވަޢުދުގެ ތެރެއިން، މަތި އުތުރު ޕްރޮވިންސްގައި 625 ހައުސިންގ ޔުނިޓް ބިނާކުރެއްވުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރައްވާފައި ކަމަށާއި، މިއަހަރުގެ ތެރޭގައި، މި ޕްރޮވިންސްގެ އެކި ރަށްރަށުގައި މި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2010 ވަނަ އަހަރާއި، މިއަހަރުގެ ކުރީކޮޅުގެ ތެރޭގައި، ކުޅުދުއްފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިމި، 2011 ވަނަ އަހަރުގެ ތެރޭގައި، މި ޕްރޮވިންސްގެ 4 ރަށެއްގެ ނަރުދަމާއާއި، 3 ރަށެއްގެ ފެނުގެ މަސައްކަތް ބަޖެޓްގައި ހިމެނި، މަސައްކަތް ފެށޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން، ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ މަސައްކަތުގެ ދަށުން، ތިލަދުންމަތީގެ 9076 މީހުންގެ މަދަނައިގައި ރަޖިސްޓްރީކުރެވި، ދޮށީ އުމުރުގެ މީހުންނަށް ދެއްވަން ފެށްޓެވި ޕެންޝަން، ތިލަދުންމަތީގެ 3027 މީހަކަށް ލިބެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ޢިނާޔަތް، ތިލަދުންމަތީގެ 839 ރައްޔިތަކަށް ލިބެމުން ގޮސްފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.