ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އަންނަ ރަބީޢުލްއައްޥަލް މަހުގެ 12 ވަނަ ދުވަހު އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އަންނަ ރަބީޢުލްއައްޥަލް މަހުގެ 12 ވަނަ ދުވަހު އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
އެދުވަހު ޔުނިވަރސިޓީ އުފެއްދެވުމަށް މި ނިންމެވީ، އެދުވަހަކީ، ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަސްކަމަށްވުމާއި، އެދުވަހަކީ، ރާއްޖޭގެ ތަޢްލީމުގެ އަލިގަދަ އެއް ދަންމަރު ކަމުގައިވާ “ދާރުލްޢުލޫމް” މީގެ 61 އަހަރު ކުރިން ހުޅުވުނު ދުވަސްކަމަށްވާތީއެވެ. ދާރުލްޢުލޫމް ހުޅުވުނީ، ހިޖުރައިން 1371 ވަނަ އަހަރުގެ ރަބީޢުލްއައްޥަލް މަހުގެ 12 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ރާއްޖޭގެ ތަޢްލީމީ ނިޒާމުގައި ވަރަށް ޚާއްޞަ މަގާމެއް ލިބޭނެ ތަނަކަށްވާތީ، އެތަން އުފައްދަވާ ތާރީޚް ކަނޑައެޅުއްވުމުގައި، ރާއްޖޭގެ ތަޢްލީމީ ޙަޔާތަށް ރިޢާޔަތް ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަން ވަޒީރުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވަމުން، މާލެއިން ބޭރުގައި، ކުޅުދުއްފުށީގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވެވުނުކަމީ، ސަރުކާރަށް ވަރަށް އުފާވެރިކަމެއް ލިބޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.