ބޭސްފަރުވާއާއި، އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްގެ ނަތީޖާއާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާއާއި، އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ހިންގަވަން ފެށްޓެވި ޕްރޮގްރާމްގެ ފައިދާއާއި، އެއިން ކުރަމުންދާ އަސަރާއި، އޭގެ ނަތީޖާއާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގައި ކެލައަށް ވަޑައިގެން، ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން، ކެލާގެ އިޤްތިޞާދަށް ކޮންމެ މަހަކު ވަންނަ ފައިސާގެ ސަބަބުން، އިޤްތިޞާދު ކުރިއަރައި، ރައްޔިތުންގެ އާމްދަނީ އިތުރުވުމާ ގުޅިގެން، ކަންމަތީ ސްޓޯރަށް ރައްޔިތުން ދަރާފައިވާ ދަރަނި 2008ގެ ކުރިން ހުރިވަރަށްވުރެ ވަރަށް ބޮޑުތަނުން ކުޑަވެފައިވާކަން ފާހަގަކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، 2009 ވަނަ އަހަރު މަސްވެރިކަން ދަށްވެ، ރާއްޖެއަށް ޓުއަރިސްޓުން އައި އަދަދުވެސް ދަށްވެ، ރާއްޖޭގެ އިޤްތިޞާދު ހީނަރުވެގެން ދިޔައިރު، ކެލާ ސަލާމަތްވެފައި އޮތް އެންމެ ބޮޑު ސަބަބަކީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ފައިސާގެ ގޮތުގައި ސަރުކާރުން އެރަށު ރައްޔިތުންނަށް ދެއްވަމުން ގެންދެވި ފައިސާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ އަމާޒަކީ، ކޮންމެ ރައްޔިތަކީ، އެމީހަކު އެ ބޭނުންވާ ޢާންމު ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ރައްޔިތެއް ކަމަށް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ތެރެއިން، ކެލާގެ 368 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީވެފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ދޮށީ އުމުރުގެ ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ޕެންޝަން، ކެލާގެ 123 ރައްޔިތަކަށް ލިބެމުންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ފުރިހަމަ ކުރެއްވުމަށްޓަކައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވައި، މަދަނައިގައި ބައިވެރިކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެލައަށް ކުރެއްވި ދަތުރުފުޅުގައި، ކެލާ އިންޖީނުގެ ހުޅުއްވައިދެއްވައި އެ ތަން ބައްލަވާލެއްވިއެވެ. އަދި ކެލާ ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެތަނުގައި ތިބި ބައެއް ބަލިމީހުންނާއި، އެ މަރުކަޒުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.