ރާއްޖޭގެ ހުރިހާ ޒުވާނުން ތިބީ މި ސަރުކާރާއެކު އަތާއަތް ގުޅާލައިގެން ކަމަށް ޔޫތު މިނިސްޓަރ ވިދާޅުވެއްޖެ

އދ. މަހިބަދޫއިން އިބްރާހީމް ރާމިޒް

އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކުގައި މިހާތަނަށް 60 ރަށަކަށް ޒިޔާރަތް ކުރެވިއްޖެ ކަމަށާއި، މި ދަތުރުތަކުން އެނގިގެން ދިޔަ އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގެ ޒުވާނުން މި ސަރުކާރާއެކު އަތާއަތް ގުޅާލާފައިވުން ކަމަށް ޒުވާނުންނާއި ބެހެ ވަޒީރު އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރޭ މިރަށުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ބަޖެޓްގައި ޒުވާނުންނަށް އަމާޒްކޮށްގެން ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ޒުވާނުންނަށް މަތީ ތައުލީމީ ހާސިލް ކުރެވޭނޭ ފުރުސަތުތައް ފަހިކޮށްދިނުމގެ ގޮތުން ލޯންގެ ގޮތުގައި ދިނުމަށް 19 ިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމަށާއި، މި ލޯންތަކަކީ ޕްރޮވިންސްތަކަށް އެއް ހަމައަކުން އެއް އުސޫލަކުން ދިނުމަށް ހަމަޖެހިފައިވާ ލޯނުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ޕްރޮވިންސްތަކަށް އަމާޒްކޮށްގެން ލޯނުތައް ދޭން ފެށުމުން އެ ސަރަހައްދެއްގައި ގާބިލް ހުނަރުވެރި ޒުވާނުން އިތުރު ވެގެން ދިއުމުގެ ފުރުސަތު ހަމަހަމަ ކަމާއެކު ދެވެނުންދާނޭ ކަމަށް ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ސަރުކާރުގެ އެންމެ ކާމިޔާބު އެއް މަޝްރޫއު ކަމަށްވާ އިންސާނީ ތަރައްގީ ގާއިމްކޮށް އިޖްތިމާއީރައްކާތެރިކަން ފޯރުކޮށްދިނުމގެ ގޮތުން ސަރުކާރުން އެކި ފަރާތްތަކަށް ދެމުން ގެންދާ އިނާޔަތްތަކާއި ބެހޭ ގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން މި ސަރުކާރަކީ އިސްލާމް ދީން ކުރިއަރުވަން މަސައްކަތްކުރާ ދީނެއް ކަމަށާއި، 2011 ވަނަ އަހަރު މި ރަށުގައި އިތުރު މިސްކިތެއް އެޅުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމީ އެމަނިކުފާނަށް ލިބިވަޑއި ގަންނަވާ ވަރަށް ބޮޑު އުފާފުޅުކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.