އަޅުގަނޑުމެން މިދަތުރުކުރަނީ އަނެއް ދިވެހިރާއްޖެ ހިފައިގެން އެ ދިވެހިރާއްޖެ ރަށްރަށާ ހަވާލުކުރުމަށް- އަސްލަމް

– ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ކުރަމުންދާ ޖެއްސުމާއި ފުރައްސާރައިގައި ސިއްކަ ޖެހުމަށް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރުން ކޮންމެހެންވެސް މުހިއްމު – ރުގިއްޔާ

އދ.މަހިބަދޫއިން އިބްރާހީމް ރާމިޒް

އެމްޑީޕީން ރަށްރަށަށް މިހާރު ކުރަމުން މިގެންދާ ދަތުރުތަކަކީ “އަނެއް ދިވެހިރާއްޖެ ރަށްރަށުގެ ރައްޔިތުންނާ ހަވާލުކުރުމުގެ ދަތުރުތަކެއް” ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިހާރު މިއަތޮޅަށް ކުރަމުންގެންދާކެމްޕެއިން ދަތުރުގައި ރޭ މިރަށު އިޖުތިމާއީ މަރުކަޒުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް މަޖިލިސް ތެރެއިން އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއްބޭފުޅެއް ކަމަށްވާ އަސްލަމް ވިދާޅުވީ ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ ގެނައުމަށާއި، ރާއްޖެ ލާމަރުކަޒީކޮށް ރައްޔިތުން ބާރުވެރިކުރުވުމުގެ މަސައްކަތަކީ ސީދާ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އިސް ނެންގެވުމުގެ މަތިން އެމަނިކުފާނު ކުރެއްވި މަސައްކަތެއް ކަމަށާއި، ރައީސްގެ އެ ތަސައްވުރު ޙަގީގަތަކަށް ހަދަންޖެހޭ ކަމަށެވެ. އެގޮތުން ރަގަޅު ތައުލީމާއި، އެކަށީގެންވާ ނަރުދަމާގެ ނިޒާމަކާއި، ސާފު ބޯފެން ލިބޭނޭ އިންތިޒާމާއި، ފެންވަރު ރަގަޅު ސިއްޙީ ޚިދުމަތާއި، ކުޑަކުދިންގެ ޕާކާއި، ޒުވާނުން މުނިފޫހި ފިލުވުމާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފަދަ މުހިއްމު ކަންތައްތައް އެކަށީގެންވާ ހަލުވި މިނެއްގައި ގެންދެވޭނީ ރައްޔިތުން ބާރުވެރިކުރުވައިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ 30 އަހަރުގެ ދިގު މާޒީގައި ރައްޔިތުންގެ އަސާސީ ބޭނުންތައް ނުފުއްދިހުރީ އެކެއްގެ އަތުގައ ބާރުތައް ޖަމާވެފައިހުރުމުން ކަމަށާއި، އެމްޑީޕީން ރަށްރަށަށް ގެންދާ އަނެއް ދިވެހިރާއްޖޭގެ ތަސައްވުރަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ތަސައްވުރެއް ކަމަށެވެ.
ރޭގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުޙަންމަދު ވެސް ވާހަކަފުޅު ދެއްކެވިއެވެ. ރުގިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ކުރަމުންދާ ޖެއްސުމާއި ފުރައްސާރައިގައި ސިއްކަ ޖެހުމަށް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރުން ކޮންމެހެންވެސް މުހިއްމު ކަމަށް ވިދާޅުވިއެވެ. އަދި މިސަރުކާރަކީ އިއްތިފާގަކުން އައި ސަރުކާރެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ފުރިހަމަ ތާއީދާއިއެކު ގެނެވިފައިވާ ސަރުކާރެއް ކަމަށް ވިދާޅުވެ، އެވަގުތަކު އޮންނަ ސަރުކާރަކަށް މަހިބަދޫގެ ރައްޔިތުން ދޭ ފުރިހަމަ އެއްބާރުލުމަށް ޝުކުރުއަދާ ކުރެއްވިއެވެ.