މަތިދެކުނު ޕްރޮވިންސްގައި އިތުރު ދެ އެއަރ ސްޓްރިޕް ހެއްދެވުމުގެ މަސައްކަތް މިއަހަރު ފެށްޓެވުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި

68

މަތިދެކުނު ޕްރޮވިންސްގައި އިތުރު ދެ އެއަރ ސްޓްރިޕް ހެއްދެވުމުގެ މަސައްކަތް މިއަހަރު ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ. މިގޮތުން މި ދެ އެއަރ ސްޓްރިޕް އެޅުއްވުމަށް ހަމަޖެހިފައިވަނީ، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ބޭރުގަޔާއި، އެ އަތޮޅު އުތުރުބުރީ ވިލިނގިލީ ބޭރުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، އެމަނިކުފާނު މިއަދު ހުވަދުއަތޮޅަށް ފެށްޓެވި ދަތުރުފުޅުގައި، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ މަތިންދާބޯޓުތަކުގެ ތެރެއިން، އައްޑުއަށް ޖައްސާ ބޯޓުތަކުގައި އަންނަ ޓުއަރިސްޓުންނަށް، މޫދަށް ޖައްސާ ބޯޓުގަޔާއި، އެ އަތޮޅުގައި ބިނާކުރެވޭ އެއަރ ސްޓްރިޕްތަކަށް ޖައްސާ ބޯޓުތަކުގައި ހުވަދުއަތޮޅަށް އައިސް، އެ އަތޮޅުގެ ރެޒޯޓްތައް ފުރާލެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު ހުވަދުއަތޮޅުގައި އޮތީ ފަސް ރެޒޯޓް ކަމުގައިވިޔަސް، ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ހުވަދުއަތޮޅު ގުޅާލެވުމުން، ހުވަދޫގައި ޓުއަރިޒަމް އިތުރަށް ތަރައްޤީވެ، ރެޒޯޓްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހޯނޑެއްދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން، ހޯނޑެއްދޫގެ ދަނޑުވެރިކަން އިތުރަށް ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި، މިއަހަރުގެ ބަޖެޓްގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިމަނުއްވާފައިވާކަން ހާމަކުރެއްވިއެވެ. އޭގެތެރޭގައި، ހޯނޑެއްދޫގެ ދަނޑުވެރިންނަށް ލުއި ލޯނު ދިނުމާއި، ދަނޑުވެރިންގެ ގޮވާން ފަސޭހަގޮތުގައި މާރުކޭޓްތަކަށް ވާޞިލްކޮށްދެވޭނެ ޕްރޮގްރާމްތައް މި އަހަރުގެ ބަޖެޓްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނުއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހޯނޑެއްދޫގެ ނަރުދަމާގެ މަސައްކަތްވެސް މިއަހަރު ފެށިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގައި ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ތެރެއިން ހޯނޑެއްދޫގެ 227 މީހުނަށް މަދަނައިގެ ތެރެއިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ޕެންޝަން ހޯޑެއްދޫގެ 49 މީހަކަށް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.