ވައުދުވެވަޑައިގެންފައިވާ ގޮތަށް މިސަރުކާރާއެކު މަސައްކަތްކުރުމަށް ގައުމީ ޕާޓީގެ ލީޑަރަށް އަލްހާން ގޮވާލައްވައިފި

އައްޑޫ ސިޓީން އިބްރާހީމް ރާމިޒް

ވައުދުވެވަޑައިގެންފައިވާ ގޮތުގެމަތިން މިސަރުކާރާއެކު މަސައްކަތްކޮށް ރައްޔިތުންނަށްވީ ވައުދު ފުއްދަވައިދެއްވުމަށް ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ފޭދު ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ރީނދޫ ކެމްޕެއިން ފެށުމުގެ ގޮތުން ރޭ އައްޑޫ ސިޓީގެ ފޭދޫ ސްކޫލުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ އައްޑޫއަށް އުފަން އައްޑޫގެ ތައުލީމީ ދަރިއަކު ސިޔާސީ ޕާޓީއެއް ހެއްދެވުމުން އެކަމާ އޭރު އުފާކުރެއްވި ނަމަވެސް މިއަދު އެކަމާ ހިތާމަކުރައްވާކަމަށެވެ.
“ރައްޔިތުންގެ ވެރިކަން، ފޭދޫގެ ވެރިކަން ފޭދޫއަށް ހޯދައިދޭން ޖެހުނު ދުވަހު، ކޮބައިތޯ ހަސަން ސައީދު، ހަސަން ސައީދު މިހާރު އެކުރައްވާ މަސައްކަތަކީ ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި ކޮށްދޭ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް. ރިޔާސީ އިންތިޚާބުގަ ފޭލްވެވަޑައިގެންނެވި. އެއަށްފަހު މިސަރުކާރަށް ތާއީދުކުރެއްވި. އެ މެނިފެސްޓޯ ގަބޫލުކުރެއްވި، އެ މެނިފެސްޓޯ ގައުމީ ތަރައްގީގެ އޮނިގަނޑަށް ބަދަލުވެގެން ދިޔައީ، އެހެންވީމާ އަމިއްލައަށް ކުރި މަސައްކަތާ، ވީވައުދާ އެއްގޮތްވާ ގޮތުގެ މަތިން މި ސަރުކާރާއެއްކޮށް މަސައްކަތްކޮށް، ރައްޔިތުންނަށްވީ ވައުދު ފުއްދައިދޭން އުޅޭށޭ. ނޫސް ވެރިންނަށް، ރައީސުލްޖުމްހޫރިއްޔާއަށް ދޭންވީ ލަފާދެއްވާފަ، ވެރިކަމުގެ ބޭނުމުގަ މިޑްޓާރމް އިންތިޚާބެއް ބާއްވަދޭށޭ ކިޔާފަ، ވަޑައިގަތީމާ ކަންތައްތަކެއް ނުވާނެ.” އަލްހާން ވިދާޅުވިއެވެ.
މިއީ ވަކި ފަރުދަކަށްޓަކާ އޮތް ގައުމެއް ނޫން. މިރާއްޖެ އަބަދުވެސް ދަތުރުކުރާނީ މިރާއްޖޭގެ ގިނަ މީހުންގެ ވިސްނުމާ އެއްގޮތަށް
އައްޑޫ ފޭދޫގެ ދަރިއެއްގެ ހައިސިއްޔަތުން އަދި ހަމަ އެހެންމެ ސިޔާސީ މުސްތަޤްބަލް އައްޑޫ ފޭދޫއިން ޑރ. ހަސަން ސައީދު ބޭނުންކަމަށްވާނަމަ މި އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރަމުންދާ ކެމްޕެއިނާއި، އެއިންތިޚާބުގައި އެމްޑީޕީއަށް އެއްބާރުލުން ދެއްވުމަށް، ޑރ.ޙަސަން ސައީދަށް އަލްހާން އިލްތިމާސްކުރެއްވިއެވެ.
“އަޅުގަނޑުގެ ދާއިރާ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ޙަސަން ސައިދަށް އިލްތިމާސްކޮށް ދަންނަވަން ބޭނުންވަނީ މި ކެމްޕެއިންގަ، މިއިންތިޚާބުގަ އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާށޭ. މަނިކުފާނު މިރާއްޖޭގެ ސިޔާސީ މުސްތަޤްބަލް، އައްޑޫއިން، ފޭދޫއިން ބޭނުންކަމަށް ވެއްޖިއްޔާ، އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާށޭ. ނަމުގެ ކުރިޔަށް ޑރ. ޖެހުމަކުންނެއް އަދި ގައުމަކަށް ޚިދުމަތެއް ނުކުރެވޭނެ.” އަލްހާން ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރައްވައިގެން، ދައުލަތުގެ ބަޖެޓުން ފައިސާ ނަންގަވައިގެން، ތަންތަނަށް ސިޓީ ފޮނުއްވައި އެސްއެމްއެސް ފޮނުއްވަމުން ވަޑައިގަތުމަކުން، އަދި “ފައިލް ބޮޑި ހިއްފައިގެން ކޯޓަށް ދިއުމަކުން ގައުމަށް ޚިދުމަތެއް ނުކުރެވޭނޭ” ކަމަށް އަލްހާން ވިދާޅުވިއެވެ،
ރޭ ފޭދޫގައި ބޭއްވި މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއާއި، ސިއްޚަތާބެހޭ ވަޒީރު ޑރ.އައިމިނަތު ޖަމީލް، ކުރީގެ މަސްވެރިކަމާއި އަދި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އާއި، ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ދާއިރާތައް ތަމްސީލްކުރައްވާ އެމްޑީޕީގެ މެންބަރުންނާއި، ގަލޮޅުއުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲގެ މަންމާފުޅު ޒުހައިރާ އުމަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.