އެމްޑީޕީގެ މެންބަރުން ބައިވެރިވެގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަސައްކަތްކުރާ ކަމަށްދެކެވޭ ވާހަކަ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ދޮގުކުރައްވައިފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތްކުރާ ކަމަށް ބައެއް މީޑިއާތަކުގައި ދައްކަމުންދާ ވާހަކަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ދޮގުކުރައްވައިފިއެވެ.
މިކަން ދޮގުކުރައްވަމުން މޫސަ ވިދާޅުވީ އެމްޑީޕީއަކީ ބައިބަޔަށް ފެކްޝަންތަކަށް ބެހިފައިވާ ޕާޓީއެއް ނޫން ކަމަށާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އަބަދުވެސް ވޯޓުދެއްވަމުން ގެންދަވަނީ ޕާޓީލައިންގައި ކަމަށެވެ. އަދި ޝާހިދުގެ މައްޗަށް އިތުބާރުނެތްކަމަށް ވޯޓު ދިނަސް އެހެން ކަމަކަށް ވޯޓު ދިނަސް ވޯޓުދޭނީ މުޅި ޕާލަމެންޓްރީ ގްރޫޕް އެކުގައި ކަމަށެވެ.
” އަޅުގަނޑުމެންގެ ޕާޓީއަކީ ވެސް، އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕަކީވެސް ބައިބަޔަށް، ފެކްޝަންތަކަށް ބެހިފަ އޮތް، އަދި ފެކްޝަންތަކަކަށް ބެހިގެންދާނެ ވެސް ބައެއް ނޫން. އިތުބާރުނެތް ކަމުގެ ވޯޓަކަސް އަދި އެހެން ވޯޓަކަސް، އަޅުގަނޑުމެން ވޯޓުދެންޏާ ދޭނީ އެއްކޮށް. އެންމެން އެކައްޗެއް ކިޔާނީ. އަޅުގަނޑުމެންގެ ތެރެއަކު ބައިބައިވުމެއް ނޯންނާނެ. އެމްޑީޕީގެ ބައެއް މެންބަރުން އަބްދުﷲ ޝާހިދު ބޭރުކުރަން ވޯޓުދޭން އުޅެއޭ ކިޔައިގެން އެދައްކާ ވާހަކައަކީ ހަމަ ކަނޑައެޅިގެން ދޮގެއް. އެއީ ޑީއާރުޕީ ބައިބައިވެފަ އޮތީމަ އަޅުގަނޑުމެން ބައިބައި ކުރަން، ދައްކާ ވާހަކައެއް” މޫސަ ވިދާޅުވިއެވެ.
އެމްޑީޕީ ވެބަސައިޓަށް މައުލޫމާތުދެއްވަމުން މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީގައި އޮންނަނީ ވަރަށް އެއްބައިވަންތަ ޕާލަމެންޓްރީ ގްރޫޕެއް ކަމަށާއި، އެގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން އެކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ކިތަންމެ ރޭވުމެއް ރޭވިޔަސް، އަދި އެމްޑީޕީގެ ޕާލަމެންޓް މެންބަރުންނޭ ކިޔައިގެން ކިތަންމެ ވަރަކަށް ޙަގީގަތާ ޚިލާފް ވާހަކަ ދެއްކިޔަސް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އެމްޑީޕީގެ ބަދަހި ސަފު ރޫޅާނުލެވޭނޭ ކަމަށް މޫސަ ވިދާޅުވިއެވެ.