އެމްޑީޕީގެ ޗެއަރޕާސަން މިރޭ އައްޑޫ ސިޓީގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕެއިން ގައި
އެމް.ޑީ.ޕީގެ ޤައުމީ ހަރަކާތުގެ ދުވަހުގެ ގޮތުގައި ރީނދޫ ކުލައިގެ ދުވަހެއް ފާހަގަކުރުމަށް ހަމަޖެހި މާލެއާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ޚާއްސަ ޖަލްސާ ބާއްވާނޭ ކަމަށާއި، އައްޑޫ ސިޓީގެ ފޭދޫ ސްކޫލްގައި ބާއްވާ ޖަލްސާގައި އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދާއިރާތަކުގެ އެމްޑީޕީ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން މައުލޫމާތުދީފިއެވެ.
މި ރޭ 9 ޖަހާއިރު ފޭދޫ ސްކޫލުގައި ބާއްވާ މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެވަޑައިގެން ދެއްވުމަށް އައްޑޫ ސިޓީގެ އެމްޑީޕީ ކޯރޑިނޭޓަރ އެދިވަޑައިގަންނަވައެވެ.
އެމްޑީޕީން މައުލޫމާތުދޭ ގޮތުގައި 21 ޖެނުއަރީން ފެށިގެން 22 ޖެނުއަރީ 2011 ގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އެމް.ޑީ.ޕީ ކެންޑިޑޭޓުން ޢާއްމުންނާ ބައްދަލުކުރުމުގެ ހަރަކާތްތަކެއް ހިންގާނެއެވެ. މިހަރަކާތުގައި ޕޯސްޓަރު ހިއްޕުމާއި، ފޮތްޗާއި ދިދަ ދެމުމާއި، ރީދޫ ކުލަލުން ކަހަލަ އިތުރު ކަންތައްތަކެއްވެސް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ލޮރީ ބުރާއި އަދި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.