މެންބަރުންގެ ޚިޔާލު: ތިޔަ އަމަލުކުރެއްވެނީ ބޮޑު ޅޮސްގަހަކުން ދޭފަތެއް ހަދަންނޭގުނު މާވަޑިޔާގެ ބީދައިންނެވެ !!

ލިޔުނީ:މުރުޝިދު/ހުޅުދޫ

ވިސްނާލުން ހުއްޓެވެ! އެދުމެއްގެ ކުރިމަތީގައި އިންސާނާ ނިކަމެތިވެ ބަރަހަނާވާ ޙާލަތްތައް ވެސް އައުދެއެވެ. ކޯޓަށްދުވާޕަޓީއަށް ކުރިމަތިވެގެން އުޅެނީ މިފަދަ ކަންކަމެވެ. އެހެންޏާފަހެ! މީގެކުރިން މިރާއްޖޭގައި ހޯޖާ ވެރިކަން ކުރެއްވި ބޮޑު މުރީދުގެ ވެރިކަން ގޯސްވެ އެވެރިކަމުގެ އެންމެ އުސްކުންނު ތަކުގައި ވަޒީރުކަމުގެ ބޮޑެތި މަގާމްތައް އަދާކޮށް، އެވެރިކަމުގެ ބޯދާ އުސޫލުތައް ކަމުނުދާތީ ވެރިކަމުގެ މައްޗަށް ހޮޑުދުއްވާ އިސްފިޢުފާ ދެއްވިބަޔަކަށް މިއަދު އެވަރުގެ ވެރިކަމެއް ނެތޭ ބުނެ އެކަލޭގެ ގެންގުޅުއްވި ސިޔާސަތު ރަނގަޅު ކަމަށް ހަދާ، ކެމްޕޭންތަކުގައި ބައިވެރިވެ ދިޓީވީގައި އުކުނި އަރުވަމުން ދާއިރު، ލަދުޙަޔާތުގެ ބުރުގާ ނުވަތަ ޢިލްމީބޮޑު ފަގުޑި ކޮބާހެއްޔެވެ؟ ސަހަރޯއެވެ! ބޮޑު ޅޮސްގަހަކުން ދޭފަތެއް ހަދަންނޭގުނު މާވަޑިޔާގެ ބީދައިން، މިގައުމުގެ ވެރިކަންކޮށް، އުއްމަތަށް ބަލާޖެއްސި ޖާހިލުންގެ ރަސްގެފާން ޢަލްޢަލާ ޒައީމުގެ ވެރިކަމާއި، އެ މަނިކުފާނުގެ ސިޔާސަތު ރަނގަޅުކަމަށް ބުނެ މީޑިއާގައި ނަޢަރާ ކުރާއިރު، މާޟިއްޔާގެ ހިތިހަނދާން ކޮބާހެއްޔެވެ؟ ތިމާގެ ދުލުގެ އިތުބާރު ކޮބާހެއްޔެވެ؟ ނުވަތަ ލަދުޙަޔާތް ކޮބާހެއްޔެވެ؟ ތިޔަށްވުރެ، ތިންފަތްވީ އަންހެނާއާއި ކައިވެނިކުރުން ވެސް މާތާހިރެވެ! ފިލަކުކުޅުގެ ބޮލަށް ފަންވެރޭ ބީދައިން، މިގައުމުގައި ތިބި ބުއްދީގެ އަހުލުވެރިންގެ މަލާމާތާއި، ހޯއްގޮވުން ތިމާގެ މައްޗަށް ހުށަހެޅޭއިރު، އެމީހުންގެ އަމަލާއި ބަސްމަގު ގޯސްބަޔަކަށް ނަހަދާށެވެ. ގެންޑާގެ މިސާލުން ތިމާގެ ހުރުމަތްތެރި ދޫ ބޭނުންކޮށް، ކޮސްގޮވާއިރު، އަޑުއަހާމީހުން ތިމާގެ ސެޓްފިކެޓްގެ މައްޗަށް މަލާމާތްކޮށް ހޯއްނުގޮވާނެ ކަމަށް ދެކިގެން ނުވާނެއެވެ. އެހެންޏާފަހެ! އިހަށްދުވަހު ތިމާމެން ކުރީގެ ވެރިމީހާގެ ވެރިކަމުގެ މައްޗަށްކުރި މަލާމާތާއި، ފުރައްސާރައިގެ ހޫނުކަން އަދި ހިހޫނުވެއެވެ. އެދުމެއްގެ ކުރިމަތީގައި ނިކަމެތި ނުވާށެވެ! އަބުރުވެރި ކަމުގެ ތާޖަކީ، ތެދުވެރިކަމާއި އަމާނާތްތެރި ކަމުގެ މަތިވެރި ސިފައެވެ. އެސިފަތަކުން މަހުރޫމުވެއްޖެ މީހާއަކީ މުޅަވެފައިވާ މަސްގަނޑެކެވެ. މިޒަމާނުގައި ތިމާގެ ދޫ ކޮންމެގޮތަކަށް ވެސް ބޭނުންކުރެވި ދާނެއެވެ. ނަމަވެސް އެދުލުގެ ބޭނުންކުރަން ޖެހޭނީ މުސްތަގުބަލުގައި އެދުލުގެ މަންފާޢަ ތިމާއަށް ކުރާނެ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށެވެ.
ވިސްނާލުން ހުއްޓެވެ! ނުސިޔާނު ޠަބިއްޔަތުގެ ތެރެއިން، ކިތަންމެ ހަސަދަވެރި ވިޔަސް، އަދުގެ ރައީސް މުޙައްމަދު ނަޝީދުގެ ޒަޢާމަތުގައި މިގައުމު ދަނީ އިގުތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ބޮޑެތި އިސްލާހު ތަކުގެ މައްޗަށް ދޮރު ހުޅުވެމުންނެވެ. ކޮންމެ މުޖުތަމަ އެއްގައި ވެސް ޤާނޫނީ ގޮތުން އެތަނެއްގެ ރައްޔިތުން އުފައްދާ ވެރިކަމަކީ، އެއްމެންރުހޭފަދަ ވެރިކަމަކަށް ނުވެ ހިނގައި ދާނެއެވެ. އެއީ ފިޠުރަތުގެ ޤާނޫނެވެ. ސަބަބަކީ، ތިޔަފަދަ ހަސަދަވެރިންގެ ބަލާވެރިކަން ވެސް މުޖުތަމަޢުގައި ފިޔަޖަހަމުން ދާނެތީއެވެ. ވެރިކަމަކީ އެވެރިކަން ހަވާލުކުރެވޭ މީހާގެ އަމިއްލަ އާއިލީ މިލްކިއްޔާތެއް ނޫނެވެ. އެފަދަ ބަދުމާޝީ ވެރިކަމެއް މިގައުމުގައި ކުރެއްވީ ޢަލްޢަލާ ޒަޢީމެވެ. ހަގީގަތުގައި ވެރިކަމަކީ، ރައްޔިތުން އެމީހުންގެ ޙަޔާތުގެ އިޖުތިމާޢީ ލާބަހުރި އަދި މުޅި މުޖުތަމަޢުގެ އެންމެހާ މަސްލަޙަތުތައް ހިމާޔަތްކޮށް، ދެމެހެއްޓުމުގެ ގޮތުން އުފައްދާ ޤާނޫނީ ބާރެކެވެ. ދުނިޔޭގެ ގިނަ މަޝްހޫރު ލީޑަރުން ވެރިކަން ހޯއްދެވީ މަގުމަތީގައި ކުރެއްވި އިސްލާޙީ ވަރުގަދަ އިންގިލާބީ ހަރަކާތްތަކުގެ ތެރެއިންނެވެ. ތިމާގެ މައުލޫމާތާއި ހިލްމުވެރިކަން ކޮބާހެއްޔެވެ؟ ޤައުމެއްގެ ވެރިކަމުގެ ބާރުހޯދުމަކީ ކޮންމެހެން ތަނަވަސްކަމުގެ އަހުލުވެރިންނަށް ވެތިބެ ހޯދާ އެއްޗެއް ނޫނެވެ. އެއީ ރައްޔިތުންގެ ލޯތްބާއި ރުހުންލިބި ޙައްޤުވާ ބާރެކެވެ. އެއީ ފިނިކޮޓަރީގައި ހުރެ، ޤާނޫނީ މުރީދުންނަށް ލިބޭއެއްޗެއް ނޫނެވެ. ދުނިޔޭގެ ބިޔަ ގައުމުތަކުން ގައުމުތަކުގެ ވެރިންނަށް ދޭ ފަތްކޮޅުތަކާއި އެވޯރޑަކީ، އެފަދަ ގައުމުތަކުން ވިއްކާ އެއްޗެއްނޫނެވެ. ނޫންނަމަ، ތިބާއާއި އަޅުގަނޑަށް ވެސް އެފަދަ އެވޯޑުތައް ލިބުނީސް ތާއެވެ!
އުނބަށް ޖަހާށެވެ! އެންމެ ރަނގަޅެވެ! ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ކުރައްވާ އެއްވެސްކަމެއް ތިޔަ ކަލުންނަކަށް ރަނގަޅެއް ނޫނެވެ. ސުވާލަކީ، 30 އަހަރުވީ ވެރިކަމުގެ ތެރެއިން ރާއްޖޭގެ އުތުރާއި ދެކުނުގެ ރައްޔިތުން ތިބީ ސާފްބޯފެނުން މަހުރޫމުވެފައި ނޫންހެއްޔެވެ؟ ނަރުދަމާ ނިޒާމެއް ނެތި ބަލިމަޑުކަމުގެ ތެރޭގައިނުން ހެއްޔެވެ؟ ރާއްޖޭގެ އުތުރާއި ދެކުނުއޮތީ ފަޅުވެފައިނޫން ހެއްޔެވެ؟ އައްޑޫ ޑިވިލޮޕް މަންޓް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފައްދާ އައްޑޫ ގަންއޮތީ ޚަރާބު ވެފައިނޫން ހެއްޔެވެ؟ އެއަރ މޯލްޑިވުސް ބަނގަރޫޓްވެ އެމްޓީސީސީ އިންޓަރ އެޓޮލް ފެރީގެ ނަމުގައި ދަގަނޑު ބޯޓްފަހަރު ގަނެ އެއިން އެއްވެސް ބޭނުމެއް ނުކުރެވި ދަބަރަށް ވެގެންދިޔަނުން ހެއްޔެވެ؟ އެމްއެސްއެލް ޝިޕިންލައިން ބަނގަރޫޓް ވެގެންދިޔަނޫން ހެއްޔެވެ؟ އަމިއްލަ ގައުމުގެ ރައްޔިތުންގެ މައްޗަށް ކުޑަސިޓީ ތަޢާރަފްކޮށް، މަސްތުވާ ތަކެތީގެ ވަބާ ރާއްޖެއަށް ފެތުރިގެން ދިޔަނޫން ހެއްޔެވެ؟ އިސްރާފް ބޮޑު ސަރުކާރެއްގެ ސަބަބުން ގައުމުގެ ތަނަވަސްކަން ޚަރާބުވެ ރައްޔިތުންގެ ތަނަވަސްކަން ކުޑަވެ ދައުލަތުގެ މާލިއްޔަތުން ރަހުމަތް ތެރިންނަށް ބޮޑެތި ލޯނުތައް ދޫކުރިނޫން ހެއްޔެވެ؟ ފުލުސްކޯޓް އުފައްދާ ރާއްޖޭގެ ޝަރުޢީ ނިޒާމްއޮތީ ކިހަޅިއަށް ހަދާފަނުން ހެއްޔެވެ؟ މިސުވާލުތަކުގެ މައްޗަށް ޖަވާބު ދެއްވާށެވެ! ވީހިނދު، ކުރީގެ ބޮޑެތި ޢިލްމީ މުރީދުން އެ ބަޅާ ބަދުމާޝީ ވެރިކަން ބަދަލުކޮށް، ރާއްޖޭގައި އަލަށް ގާއިމުވީ ވެރިކަމުގެ މަންފަޢަ ލިބިދިނުމަށް މަސައްކަތް ކުރަންޖެހުނު ހިނދު، އަބޫޖަހުލުގެ މިސާލުން، ރާއްޖޭގެ ވެރިކަމުގެ ޒަޢާމަތަކީ މަށަށް ޙައްޤު މަގާމެއްކަމުގައި ދޭހަވާ ސިފަތަކުގެ މައްޗަށް މީޑިއާގައި ނަޢަރާކުރުމަކީ، އެފަދަ ވިސްނުމުގައި ދުވަހަކުވެސް އެއްވެސް ގައުމެއްގެ ވެރިކަމުގެ ބާރު މުސްތަގު ބަލުގައި ސުލްޙަ ކުރެވޭނެ ފޯމިއުލާއެއް ނޫނެވެ. އިސްލާމީ ތާރިޙުގެ ސަފްޙާތަކުން އެނގޭގޮތުގައި މޫސާގެފާން މިންބަރަށް އަރާވަޑައިގަށް ދުވަހު އެކަލޭގެފާން ހިއްޕުޅަށް އަރައިވަޑައި ގަތީ ތިމެން ކަލޭގެފާނަށް ވުރެ، ޢިލްމަށް ބޮޑު އެއްވެސް އިންސާނަކު މިދުނިޔޭގައި ވޭހެއްޔެވެ؟ ވަގުތުން ﷲ ތަޢާލާ މޫސާގެފާނަށް އިލްހާމް ކުރެއްވީ ހަޟިރުގެފާނާއި އެކު، ދަތުރުފުޅެއް ކުރެއްވުމަށެވެ. އެދަތުރުފުޅުން އެކަލޭގެފާނަށް އެންގެވީ އެކަލޭގެފާނަށް ވުރެ، ޢިލްމީގޮތުން ފުންނާބުއުސް އިންސާނުން މިބިންމަތީގައި ﷲތަޢާލާ ލައްވާފައިވާ ކަމެވެ. ނާޗާރުވެ ހުރެ، ޙައްޤުގެ މަބާދީ އޮޅުވާނުލާށެވެ. ނޫންނަމަ، ކޮށިދަނޑު ގެއްލި ކަތިވަޅި ގެއްލި މަރިޔަބު ވެސް ގެއްލިދާނެއެވެ.