މިގައުމަށް ގެނެވުނު އެންމެ ބޮޑު ސިޔާސީ ބަދަލަކީ ރައްޔިތު މީހާއަށް މިނިވަންކަން ދިނުން -އީސަ

މިވޭތުވެދިޔަ ދިގު މާޒީގައި ދިވެހިރައްޔިތުންނަށް ވެރިކަމުގެ ފަރާތުން އަނިޔާއެއް ނުލިބޭ އާއިލާއެއް މިގައުމުގަ ނުވާއިރު، މިވެރިކަމުގެ ދެ އަހަރުގެ ތެރޭގައި މި ސަރުކާރުގެ އިނާޔަތެއް ނުލިބޭ އެއްވެސް އާއިލާއެއް މިގައުމަކު ނުވާނެ – އީސަ

ދ.މީދޫން އިބްރާހީމް ރާމިޒް

މިގައުމަށް އެމްޑީޕީން ގެނައި އެންމެ ބޮޑު ސިޔާސީ ބަދަލަކީ ރައްޔިތު މީހާއަށް މިނިވަންކަން ހޯދައި ދިނުން ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
ދުވަހަކުވެސް މި ވެރިކަމުގައި ނޫނީ ރައްޔިތުމީހާ އެއްވެސް ކަހަލަ ބިރެއް ޖެހިލުމެއްނެތި މިނިވަންކަންމަތީ ވާހަކަދައްކައި ޚިޔާލުފާޅުކުރިތަން ދެކިވަޑައިގެންފައި ނުވާ ކަމަށާއި، އެމްޑީޕީން އިސްނަގައިގެން މިގައުމަށް ގެނައި އެންމެ ބޮޑު ސިޔާސީ ބަދަލަކީ ރައްޔިތު މީހާގެ މިނިވަންކަން ހޯދައިދިނުން ކަމަށް އީސަ ވިދާޅުވިއެވެ.
އެމްޑީޕީން އެޕާޓީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް މިރޭ މިރަށުގައި ބޭއްވި ޖަލްސާގައި އަޙުމަދު އީސާ އިތުރަށް ވިދާޅުވީ މިވެރިކަމާ މައުމޫނުގެ ވެރިކަމާ ހުރި ތަފާތަކީ ކޮބައިތޯ ބައެއް ފަރާތްތަކުން ކުރާ ސުވާލުގެ އެންމެ ސާދާ ޖަވާބަކީ” މިވޭތުވެދިޔަ ދިގު މާޒީގައި ދިވެހިރައްޔިތުންނަށް ވެރިކަމުގެ ފަރާތުން އަނިޔާއެއް، އަޅުގަނޑު މިދަންނަވަނީ ނަފްސާނީ ޖިސްމާނީ އަނިޔާއެއް ނުލިބޭ އާއިލާއެއް މިގައުމަކު ނުވާނެއޭ. ގަބޫލުކުރައްވާށޭ، މިވެރިކަމުގެ ދެ އަހަރުގެ ތެރޭގައި މި ސަރުކާރުގެ އިނާޔަތެއް ނުލިބޭ އެއްވެސް އާއިލާއެއް މިގައުމަކު ނުވާނެޔޭ. އެޢީޔޭ މި ދެވެރިކަމުގަ ހުރި ތަފާތަކީ”.
މިރޭގެ ޖަލްސާގައި އީސަވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ލާމަރުކަޒު ކުރުމަށް ޅ.މާފިލާފުއްޓަށް މީހުން ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ކުރި ނާކާމިޔާބު ޚަރަދު ބޮޑު މަސައްކަތާއި، ނ.ކުޑަފަރީ ބަނދަރު ހަދައިދޭނޭ ކަމަށް ބުނެ އެތައް އަހަރުތަކެއް ވަންދެން އުޅުމަށްފަހު ހަވީރު ނޫހުގައި އެ ބަނދަރު ބިޑަށްލީކަމަށް އޭރުގެ ސަރުކާރުން އޮޅުވާލައިގެން އިއުލާންކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އީސަ ވިދާޅުވިއެވެ. މީގެ އިތުރުން ކުރީގެ ރައީސްގެ އަތްޕުޅުގައި ހުރިހާ ބާރެއް އޮވެމެ ޒަމާނުއްސުރެ އިންތިޚާބުކުރާ ކަތީބުންގެ ބަދަލުގައި އައްޔަންކުރާ ކަތީބުން ބައިތިއްބާފައިތިބި ތިބުމަށް ވެސް އީސަ ފާޑުވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ