ދ.ބަނޑިދޫ އެމްޑީޕީ ކެމްޕެއިން އޮފީހާއި މީދޫ އެމްޑީޕީ މަސްވެރިންގެ ޖަގަހަ ހުޅުވައިފި

ދ.މީދޫއިން އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދ.ބަނޑިދޫ ކެމްޕެއިން އޮފީހާއި މީދޫ އެމްޑީޕީ މަސްވެރިންގެ ޖަގަހަ މިއަދު ހުޅުވައިފިއެވެ.
އެމްޑީޕިން ދ.އަތޮޅަށް ކުރަމުންދާ ދެ ދުވަހުގެ ކެމްޕެއިން ދަތުރުގައި ދ.ބަނޑިދޫއަށް އެޕާޓީގެ ވަފްދުގެ ބޭފުޅުން ވަޑައިގެންނެވީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެރަށަށް މި ވަފްދުގެ ބޭފުޅުން ވަޑައިގެން އެރަށުގެ ކެމްޕެއިން އޮފީސް ހުޅުވުމަށްފަހު އެއޮފީހުގައި ރައްޔިތުންނާ ބައްދަލުކުރެއްވުން އޮތެވެ. މި އޮފީސް ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރ ހަސަން ލަތީފެވެ. މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކާއި، އެ ގްރޫޕްގެ މެންބަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ އިތުރުން ޔޫތު މިނިސްޓަރ އަލްއުސްތާޛް ހަސަން ލަތީފް ވާހަކަފުޅު ދެއްކެވިއެވެ. މި ބޭފުޅުންގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އެމްޑީޕިން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމުން ރައްޔިތުންނަށް ވާނެ ފައިދާއާ ބެހޭ ގޮތުންނެވެ.
ބަނޑިދޫއަށް ފަހު މިރޭ މި ރަށަށް ވަދައިގެން މި ރަށުގައި އެމްޑީޕީ މަސްވެރިންގެ ޖަގަހައިގެ ނަމުގައި ވަނީ ޖަގަހައެއް ހުޅުވާފައެވެ. މި ޖަގަހަ ހުޅުއްވައިދެއްވީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކެވެ.