ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ނުހޮވައިފިނަމަ އެސަރަހައްދެއްގެ ރައްޔިތުން ކަރުނަ އަޅާ ރޯން ޖެހޭނެ- ޝިފާޤް މުފީދު

10 އެޕްރީލް 2010

beydhafushi100410-215

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓުނުދީ އެބޭފުޅުން ލޯކަލް ކައުންސިލްތަކަށް ނުހޮވައިފިނަމަ، އެރަށެއްގެ ނުވަތަ އެސަރަހައްދެއްގެ ބަޔަކު ކަރުނަ އަޅާ ރޯން ޖެހޭނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ވިދާޅު ވެއްޖެއެވެ. ޝިފާޤް މިހެން ވިދާޅުވީ ރޭ އޭދަފުށީގައި ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭދަފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި މިޖަލްސާގައި ޝިފާޤް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިގެން ނުދިއުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އަށް ހުރަސް އެޅިފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ރަށްރަށަށް ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނީ ބާރު ދިނުމުގައި އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމުގައެވެ. އެހެން ކަމުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކުން ނުވަތަ އެއްވެސް ހިސާބަކުން އެމްޑީޕީއަށް ނާކާމިޔާބު ވެއްޖެނަމަ، އެރަށެއްގެ ނުވަތަ އެސަރަހައްދެއްގެ ބަޔަކު ކަރުނަ އަޅާ ރޯން ޖެހޭނޭ ކަމުގައި ޝިފާޤް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދަށް ލިބިފައިވާ ބާރުތައް އެމަނިކުފާނު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެއްވުމަށް އެދިއްކުރައްވާ އަތްޕުޅުގައި ހިފުމަށް ރައްޔިތުންގެ ކިބައިން ޝިފާޤް އެދިލެއްވިއެވެ.
އޭދަފުއްޓާއި ބ.އަތޮޅުގެ ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މިޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީން ވެފައިވާ ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމުގެ ވައުދު، ނުވަތަ ރައްޔިތުންނަށް ވެރިކަން ހިންގުމުގެ ބާރު ދިނުމުގެ ވައުދު ފުއްދުމުގެ ގޮތުން ލާމަރުކަޒީ ބިލު ފާސްކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ކެނޑިނޭޅި މަސައްކަތްކުރަމުން ދާނޭ ކަމަށާއި، އޭދަފުށީގައި މިބޭއްވޭ ޖަލްސާ އަކީ ވެސް އެކަމުގެ ރަމްޒެއް ކަމުގައެވެ. އަދި މިވައުދު ފުއްދުމަށާއި، އެމްޑީޕީގެ އެހެނިހެން ވައުދުތައް ފުއްދުމުގައި އެހީތެރިވުމަށް ރަށްރަށުގައި އެމްޑީޕީގެ ވީހާވެސް ގިނަ ގޮފިތައް ހަދައި މެންބަރުން އިތުރުކުރަމުން ގެންދާނޭ ކަމުގައި އުއްމީދުކުރައްވާ ކަމުގައި މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެންބަރުން މަޖިލީހުގެ ގޮނޑި ބޭނުންކުރަނީ އަމިއްލަ ހިމާޔަތަށް ކަމަށާއި، ރައްޔިތުންގެ ހައްގުގައި ހުވައެއް ކޮށްގެން ތިއްބެވި ބޭފުޅުން އަމިއްލަފުޅު ބޭނުންތަކަށް މަޖިލިސް ބޭނުން ކުރައްވާތީ ހިތާމަފުޅު ކުރައްވާ ކަމުގައި މާރިޔާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ ސ.ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޠާރިޤް، ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް އަދި މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވާހަކަފުޅު ދެއްކެވިއެވެ. އިލްޔާސްގެ ވާހަކަފުޅު ރަށުކައުންސިލް އިންތިޚާބުގެ މައްޗަށް ބިނާކުރެއްވި އިރު، އީސަގެ ވާހަކަފުޅު ބިނާކުރެއްވީ ކައުންސިލަރުގެ ޒިންމާއާއި ބެހޭގޮތުންނެވެ. އަދި ޕްރޮވިންސް ހެދުމަކީ ޤާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް އިދިކޮޅު ޑީއާރުޕީން ތަކުރާރުކޮށް ވިދާޅު ވަމުންދާއިރު އެ މައްސަލައިގައި މިއަދާ ހަމައަށް ޑީއާރުޕީން ސްޕްރީމް ކޯޓަށް ގޮސްފައި ނުވަނީ ޤާނޫން އަސާސީން ޕްރޮވިންސް ހެދުމަށް ތަންދޭތީ ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި އީސަ ވިދާޅުވިއެވެ.
ތާރީޚީ ނަޒަރަކުން ބ.އަތޮޅުގެ ބައެއް ސިޔާސީ ޚިދުމަތްތެރިންގެ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް ޠޯރިޤްގެ ވާހަކފުޅުގައި ބައްލަވާލެއްވިއެވެ. ރާއްޖޭގެ ސިޔާސީ ހާލަތާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު ޝިފާޒް ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. މަޑަވެލީ ދާއިރާގެ މެންބަރު ނާޒިމްގެ ވާހަކަފުޅު ބިނާކުރެއްވީ އެމްޑީޕީގެ މެންބަރަކަށް ވާންވީ ސަބަބުތަކާއި ބެހޭގޮތުންނެވެ. ނާޒިމްގެ ވާހަކަފުޅުގައި އުތުރުގެ ރައްޔިތުންނަކީ އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ބައެއް ކަމަށާއި، މިގޮތުން އެމްޑީޕީއަށް ވެރިކަން ލިބުމަށްފަހު ދެކުނުގެ ރައްޔިތުން ފަހަތަށް ޖައްސާލުމަށް ފަހު އުތުރުގެ ރައްޔިތުން އެމްޑީޕީއާއި ގެން ކުރިއަށް ދާން ފަށައިފި ކަމުގައި ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ޕްރޮވިންސް އުފެއްދުމުގެ މުހިއްމު ކަމާއި ލާމަރުކަޒީ އުސޫލުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނޭ ގިނަގުނަ ފައިދާތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މި ޖަލްސާގައި އޭދަފުއްޓާއި، ބ.އަތޮޅުގެ ބައެއް އެހެން ރަށްރަށުން އެމްޑީޕީއާ އަލަށް ގުޅުނު މެންބަރުންގެ މެންބަރޝިޕް ފޯމު ޕާޓީގެ ޗެއާޕާސަން އާ ހަވާލުކުރުމުގެ އިތުރުން އޭދަފުށީ އެމްޑީޕީ އަންހެނުންގެ ގޮފި އިފްތިތާޙް ކުރުމާއި، އެމްޑީޕީއަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އޭދަފުށީ ވައިޖެހޭގޭ އާދަމް ނަސީރަށް ހަނދާނީ ފިލައެއް ހަދިޔާ ކުރެވުނެވެ. މިފިލާ އެފަރާތާ ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އޭދަފުއްޓަށް މިކުރި ދަތުރު ނިންމާލުމަށް ފަހު މިއަދު މެންދުރުފަހު ވަނީ މާލެ އައިސްފައެވެ.