ލާމަރުކަޒީ ބިލާބެހޭ ގޮތުން މަޝްވަރާކުރުމަށް އެމްޑީޕީ ކެމްޕެއިން ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި

7 އެޕްރީލް 2010

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީ ކެމްޕެއިން ކޮމިޓީގެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ރޭ ބޭއްވި މި ބައްދަލުވުމުގައި މިބިލު ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމަކަށްވާތީ މިގޮތަށް ބިލު ފާސްކުރުމަށް އެމްޑީޕީ އަށް ކުރެވޭނޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ އިތުރުން، މިބިލާ މެދު ރައްޔިތުން އަހުލުވެރިކުރުވުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިޤްރާތީ އަދި ޖަވާބުދާރީ ވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ސަގާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރި އުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމް ކުރުމެވެ.