ޑޯނާރ ކޮންފަރެންސްގައި ރާއްޖެއަށް އެހާ ދީލަތި އެހީތަކެއް ލިބިގެންދިޔައީ ރައީސް ނަޝީދުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމުގައި ޑރ.ޝަހީދު ވިދާޅުވެއްޖެ

6 އެޕްރީލް 2010 (އަންގާރަ)

ޑޯނާ ކޮންފަރެންސް އާ ދިމާކޮށް މާލެތެރޭގައި ހަމަނުޖެހުން ހިންގި ނަމަވެސް އެ ކޮންފަރެންސް އިން ރާއްޖެއަށް ވަރަށް ދީލަތި އެހީތަކެއް ލިބިގެންދިޔަ ކަމަށާއި، މި އެހީތައް ލިބިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމުގައި ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ އެމްޑީޕީ ހަރުގޭގައި ކޮންމެ ހޯމަދުވަހެއްގެރޭ ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީދު ވިދާޅުވީ މިކޮންފަރެންސްގެ ބައިވެރިންނަށް ރާއްޖެއަކީ ދާޚިލީ ހަމަނުޖެހުން ބޮޑު ތަނެއްކަން ދެއްކުމަށް، ޑީއާރުޕީން ރާވައިގެން މަގުމައްޗަށް ނިކުމެ ހަމަނުޖެހުން ހިންގާފައިވާ ކަމުގައެވެ. އަދި ސަރުކާރުގެ މާލީ ސިޔާސަތަކީ ދޯހަޅި ސިޔާސަތެއްކަން ބޭރުގެ ފަރާތްތަކަށް ދައްކަން ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެމަސައްކަތްތައް ކާމިޔާބު ނުވީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި އެހީދޭ ޖަމާއަތްތަކުން ދިވެހި ސަރުކާރުގެ މާލީ ސިޔާސަތަށް ފުރިހަމައަށް އިތުބާރުކުރާތީ ކަމުގައެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ބައިނަލް އަޤްވާމީ ދުނިޔޭގައި ރައީސުލްޖުމްހޫރިއްޔާ ހޯއްދަވާފައިވާ މަޤްބޫލުކަމަށް ބައްލަވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ޑޯނާ ކޮންފަރެންސްގައި އިސްލާމީ ގައުމުތަކުން ރާއްޖެއަށް ވަރަށް ދިލަތިކަމާއެކު އެހީދިނުމަށް ނިންމެވި ކަމަށާއި، މީގެ ތެރެއިން ބައެއް ގައުމުތަކަކީ ކުރީގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް އެހީދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ގައުމުތައް ކަމުގައި ޑރ.ޝަހީދު ވިދާޅުވިއެވެ.
މި ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު މުހައްމަދު މާހިރު އާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު އަހުމަދު ނަސީމްގެ އިތުރުން އެމްޑީޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ވަހީދާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި އިސްލާމީ މަޝްވަރާ މަޖިލީހުގެ މެންބަރު އަލްޙާފިޒް އަހުމަދު ޒަކީ ވެސް ވާހަކަފުޅުދެއްކެވިއެވެ.