އެމްޑީޕީގެ ގައުމީ މަޖިލީހުގެ 77 ވަނަ ބައްދަލުވުން ބާއްވައިފި

6 އެޕްރީލް 2010 (އަންގާރަ)

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ 77 ވަނަ ބައްދަލުވުން ބާއްވައިފިއެވެ. ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި މިބައްދަލުވުން ބޭއްވީ ހޯމަ ދުވަހު ހަވީރު 4.30 ގައި އެމްޑީޕީގެ ސެކްރެޓޭރިއަޓް ގައެވެ.
އިއްޔެ ބޭއްވުނު ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ލޯކަލް އިންތިޚާބުގެ ޓިކެޓް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ފަންޑްރައިސިންގ ކޮމިޓީގެ ޓީއޯއާރ އަށް ގޮތެއް ނިންމުމާއި، ކޮންގްރެސް އިންތިޒާމް ކޮމިޓީ އެކުލަވާލުމާއި، ޕަބްލިކް ރިލޭޝަންސް ކޮމިޓީއެއް ނެގުން ފަދަ މުހިއްމު ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުނެވެ.
މިގޮތުން މި ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޓިކެޓް ދެވޭ ޤަވާއިދަށާއި، ފަންޑްރައިސިންގ ކޮމިޓީން ކުރަން ގަސްތުކޮށްފައިވާ ކަންތައްތަކަށް ބައެއް އިސްލާހު ގެނައުމުގެ އިތުރުން އެމްޑީޕީގެ ކޮންގްރެސް އިންތިޒާމްކުރުމަށް 35 މެންބަރުންގެ ކޮމިޓީއަކާއި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޕަބްލިކް ރިލޭޝަންސް ކޮމިޓީ އެއް އައްޔަންކުރެވުނެވެ.
ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތުން އައްޔަން ކުރެވުނު ޕަބްލިކް ރިލޭޝަންސް ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދިދީ އާއި، ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި، ރައީސް އޮފީހުގެ ޕްރެސް ސެކްރަޓަރީ މުހައްމަދު ޒުހައިރުގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 މެންބަރުން ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ.