އެމްޖޭއޭ ބައިނަލް އަގުވާމީ ނޫސްވެރިންގެ ޖަމިއްޔާގެ މެންބަރަކަށް ވުމާ ގުޅިގެން މަރުހަބާ ދެންނެވުން

1 އެޕްރީލް 2010

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، ބައިނަލް އަގުވާމީ ނޫސްވެރިންގެ ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ މެންބަރަކަށްވުމާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެމްޖޭއޭ އަށް މަރުހަބާ ދަންނަވަމެވެ.
މިޕާޓީން ދެކޭ ގޮތުގައި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، އައިއެފްޖޭ މެންބަރަކަށް ވުމަކީ އެމްޑީޕީން އިސްނަގައިގެން ރާއްޖެއަށް ގެންނަމުންދާ އިސްލާހީ މަސައްކަތުގެ ކާމިޔާބީއަށް އިތުރުވި ބޮޅެކެވެ. އަދި ދިވެހި ލޮބުވެތި ރައްޔިތުންގެ މިންނެތް މަސައްކަތުން، ޚާއްޞަކޮށް އެމްޑީޕީ މެންބަރުން އެތައް ގުރުބާނީއެއް ވެގެން ރާއްޖެއަށް ގެނައި ޑިމޮކްރަސީގެ 4 ވަނަ ތަނބު ކަމަށްވާ ނޫސްވެރިކަމުގެ ދާއިރާއަށް މިލިބުނު ކާމިޔާބީއަކީ ދިވެހި ކޮންމެ ރައްޔިތަކުމެ ފަޚުރުވެރިވުން ހައްގު ކާމިޔާބީއެކެވެ.
މިޕާޓީން ދެކޭގޮތުގައި އެމްޖޭއޭ ބައިނަލް އަގުވާމީ ނޫސްވެރިންގެ ޖަމިއްޔާގެ މެންބަރަކަށް ވުމަކީ ޒިންމާދާރު ނޫސްވެރިކަމަކަށް އިތުރަށް މަގުފަހިވެގެންދާނޭ ކަމެކެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއް ކަމުގައި ވެސް އެމްޑީޕީން ދެކެމެވެ.
އެމްޖޭއޭ އާއި ދިވެހި އެންމެހާ ނޫސްވެރިންނަށް ފާގަތި މުސްތަގުބަލަކަށް އެދެމެވެ.