އއ.ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލުން

28 މާރޗް 2010

އެމް.ޑީ.ޕީގެ އއ. ދާއިރާ،

25 މާރޗް 2010 ވީ ބުރާސްފަތި ދުވަހު ހަވީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ގެކޮޅުގެ ކުރިމަތީގައި އެމް.ޑީ.ޕީއާއި ޑީ.އާރު.ޕީގެ ޢާއްމު މެމްބަރުންނާއި ބައެއް ރައްޔިތުން މަޖިލީހުގެ ޑީ.އާރު.ޕީ އަށް ނިސްބަތްވާ މެމްބަރުން ބަހުގެ ހަމަލާ ހޫނުކޮށް، މުޒާހަރާ ކުރަމުންދިޔަ ވަގުތުގައި އއ. އުކުޅަހު ކައުންސިލަރ އަލްފާޟިލް ޝައުކަތު އިބްރާހީމް “އިބްރާހީމްމިސްކިތުން” ފޭބި ވަގުތު، ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަދި ޑީ.އާރު.ޕީގެ ނާއިބް ޒަޢީމް ކަމަށްވާ ޢަލީ ވަޙީދު އިސްވެ ހުރެ، އޭނާ ނިސްބަތްވާ ޕާޓީ ކަމުގައިވާ ޑީ.އާރު.ޕީގެ މެމްބަރުންނަށް އއ. އުކުޅަހު ކައުންސިލަރ ދައްކާ، މީ އއ. އުކުޅަހު ކައުންސިލަރ އޭ ބުނެ އޭނާއަށް ބިރުދައްކާ، އޭނާގެ ގައިގާ ތަޅާ މާރާމާރީ ހިންގުމަށްޓަކައި ޑީ.އާރު.ޕީ އަށް ނިސްބަތްވާ ބަޔަކު ފޮނުވައި، ތަފާތު އެކި އިންޒާރުދީ، އޭނާގެ ޢިއްޒަތާއި ޤަދަރަށް އުނިކަން ލިބޭފަދަ ގޮތަކަށް މުޚާތަބުކޮށް، އޭނާގެ އަބުރު ނަގާލަން މަސައްކަތްކޮށްފައިވާތީ އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަޙީދު ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކަތަކުގައި ރައްޔިތުންގެ ޙައްޤުޤައި އަދި ޚާއްސަކޮށް އޭނާ ތަމްސީލުކުރަމުންދާ ދާޢިރާ ކަމުގައިވާ އއ.ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި އެއްވެސް ވަރަކަށް ވަކާލާތު ކުރަމުން ނުދާތީ އާއި، ވަކި ޕާޓީއެއްގެ މަސްލަޙަތު ހިމާޔަތްކޮށް، ޢާއްމު މަސްލަޙަތު ގެއްލޭފަދަ ގޮތަށް މަޖިލީހުގެ ތަޅަމުގައި ވާހަކަ ދައްކަމުން ދާކަމަށް މި ދާއިރާއަށް ފާހަގަ ކުރެވޭތީ، މިއީ މިދާއިރާއިން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމެއްކަމުގައި ދަންނަވަމެވެ. އަދި މިފަދަ ޢަމަލު ތަކަކީ ދިވެރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި މުޅިން ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ގަސްތުގައި ހިންގަމުންދާ ޢަމަލު ތަކެއް ކަމަށް ވާތީ، މިއަދުން މިޢަދަށް މިފަދަ ޢަމަލުތައް ކުރުން ހުއްޓާލާ، ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަޙީދު އޭނާ ތަމްސީލު ކުރަމުންދާ ތޮއްޑޫ ދާއިރާގެ މެމްބަރުކަމުން އިސްތިޣުފާދީ، މެމްބަރުކަމުން ވަކިވުމަށް ވެސް އެމް.ޑީ.ޕީގެ އއ. ދާއިރާ އިން ގޮވާލަމެވެ.
ޢަލީ ވަޙީދަކީ ތޮއްޑޫ ދާއިރާގެ މެމްބަރުން ވޯޓުލައިގެން ހޮވާފައިވާ މީހެއްކަމުގައިވާތީ، އޭނާގެ ވާޖިބަކީ ވަކިޕާޓީއެއްގެ މަސްލަޙަތު ހިމާޔަތް ކުރުން ކަމުގައި މިދާއިރާއަކުން ނުދެކެމެވެ. ސަބަބަކީ އޭނާ ހޮވާފައިވާ ދާއިރާ އޭނާ ތަމްސީލް ކުރަން ޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނު ތަކުގެ ތަރަހައިގެ ތެރޭގައި ކަމުގައި ވާން ޖެހޭކަމެވެ. އެހެން ކަމުން މަތީގައި މި ބަޔާން ކުރިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަހީދު މަޖިލިސްގެ މެމްބަރެއްގެ ގޮތުގައި ހުރެ ކުރިކަމީ މިދާއިރާގެ އަގުވެއްޓި، މުޅި އަތޮޅު ބަދުނާމުވެ ފަޟީހަތްވާފަދަ ކަމެއް ކަމުގައި ވީހިނދު މިފަދަ ގޮތަކަށް ހުތުރުކަން ބޮޑުގޮތެއްގައި ޢަމަލުކުރަމުންދާ މެމްބަރަކު މަޖިލީހުގައި ރައްޔިތުންތަކެއް ތަމްސީލްކުރަން ބެހެއްޓުމަކީ ތޮއްޑޫ ދާއިރާގެ އެއްވެސް ރައްޔިތަކަށް ހިތުން ރުހުމުން ޤަބޫލު ކުރެވޭނެފަދަ ކަމަކަށް ނުބެލެވޭތީ، ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީވަޙީދު އޭނާ ތަމްސީލްކުރަމުންދާ ދާއިރާ ކަމުގައިވާ ތޮއްޑޫ ދާއިރާއިން ވަކިކުރުމަށް މި ދާއިރާގެ މެމްބަރުންނަށް މަޖުބޫރުވެދާނެކަމުގައިވެސް އެމް.ޑީ.ޕީގެ އއ. ދާއިރާއިން ދެކެމެވެ.

ބަޔާން ނެރުނީ އއ. ދާއިރާ / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ