29 މާރޗް 2010 (ހޯމަ)
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ އެންމެ މަތީވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީވެރިޔަކީ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނާ ހިނދު,
ދިވެހިރާއްޖޭގެ ޤާނޫނު، (ޤާނޫނު ނަންބަރު 6/94)، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ، އެއް ޤައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށް ވުމާއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމަކަށްވާތީ، ދިވެހިރައްޔިތުންގެ ދިނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށް ބުނާ ހިނދު،
ބައެއް ދީނީ ތަޤްރީރުތަކުގައި ހަމައެކަނި އަންހެން ބޭފުޅުންނާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް އެއީ ވަރަށް ގިނަ އަދަދެއްގެ ޒުވާން ބޭފުޅުން ހިތްހަމަޖެހޭ ކަމެއް ނޫންކަމާއި އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެބާވަތުގެ ކަންތައް އެގޮތަށް ހިނގިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތްކޮށްދިނުމަށް އެދިފައިވާ ކަމަށާއި އެމަނިކުފާނުގެ ނަޒަރުގައި އެއްބާވަތުގެ ޚިޔާލާތެއް އެއްބަޔަކު ފާޅުކުރެއްވީމާ، އެކަމާ ނުރުހޭ ކަމަށް ވަނީނަމަ އެންމެ ބުއްދިވެރިގޮތަކަށް ވާނީ އެ އަނެއް ޚިޔާލާތުވެސް ނުވަތަ އެހެން ވިސްނުމެއް ވެސް އަނެއްކާ އަލުން އަނބުރާ އެހެންބަޔަކު ހާމަކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ވިދާޅުވެފައިވާ ވިދާޅުވުމަށް ބަލާއިރު އެމަނިކުފާނުގެ ވިސްނުންފުޅަކީ ބަޔަކު ދެއްކި ވާހަކައެއް އާންމު ރައްޔިތުންނާ ހިއްސާކޮށް ދިނީ ގޮތުން އެކަން އޮންނަ ގޮތް އިތުރަށް ސާފުކޮށްދިނުމަށް ދީނީ އިލްމުވެރިންނަށް ފުރުޞަތުދެއްވުން ކަމަށް މިޕާޓީން ދެކޭ ހިނދު،
ދިވެހިސަރުކާރުގައި އިއްތިހާދުވެފައިވާ ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީއަކީ ވެސް ދިނީ އެއްބައިވަންތަކަމުގެ ޤާނޫނުގެ 1 ވަނަ މާއްދާގައި ބުނާ ސަރުކާރު ތަމްސީލުކުރާ ބައެއްގެ ގޮތުގައި ތިބެ، މިޒުވާން ބޭފުޅުން ފާޅުކުރެއްވި ޚިޔާލާއި އިސްލާމްދީނުގައި އެކަން އޮންނަ ގޮތް އާންމު ރައްޔިތުންނަށް އިތުރަށް އޮޅުން ފިލުވައި ދިނުމުގެ ބަދަލުގައި ސިޔާސީ ވާދަވެރިކަން އިސްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އިސްލާމްދީނާ އިދިކޮޅު ޚިޔާލު ފާޅުކުރެއްވި ކަމުގެ ދޮގު އިލްޒާމް އަޅުއްވާފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހިނދު
25 މާރޗް 2010 ވީ ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލްބީޗުގައި އެމްޑީޕީން ބޭއްވި ދީނީ ދަރުސަކަށް ޑީއާރުޕީން ހުރަސް އަޅައި، ހަމަނުޖެހުން ހިންގައި، އެތައް ދިވެހިރައްޔިތުންގެ ލޭ އޮހޮރުވައި އެމްޑީޕީން ބޭއްވި ދީނީ ދަރުސް ހުއްޓުވި މައްސަލައިގައި އަދާލަތު ޕާޓީ ހަނުއޮވެ، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދީން ހަތިޔާރަކަށް ހައްދަވައި ދޮގު އިލްޒާމްތަކެއް އެޅުވުމުން އަދާލަތު ޕާޓީގެ ނިޔަތާމެދު ސުވާލު އުފެދެއެވެ. އަދި މީގެ އިތުރުން އަދާލަތު ޕާޓީއަށް ދިން ހިމާޔަތްކުރުމުގެ މަސައްކަތް ވާޖިބުވީ އެމްޑީޕީން ދިވެހިރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދިންފަހުންތޯ ސުވާލު އުފެދޭ ހިނދު
ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި މިބާވަތުގެ ދޮގު އިލްޒާމް އެޅުއްވުން ވަގުތުން ހުއްޓާލައި، ސިޔާސީ މަޤްޞަދުތަކެއް ޙާޞިލްކުރުމުގެ ބޭނުމުގައި، ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް އަދާލަތު ޕާޓީއަށް މިޕާޓީން ނަޞޭހަތްތެރިވަމެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް