ބުއްދިވެރިން އަބަދުވެސް އިޚްތިޔާރުކުރާނީ ކާމިޔާބީގެ ފަހަތުންދާން – އިމްތިޔާޒް ފަހުމީ

ށ.މިލަންދޫން އިބްރާހީމް ރާމިޒް

ބުއްދިވެރިން އަބަދުވެސް އިޚްތިޔާރުކުރާނީ ކާމިޔާބިގެ ފަހަތުންދާން ކަމަށާއި، މިލަންދު ދާއިރާގެ މެންބަރު އަލީ ރިޒާއަކީ އެކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ށ.މިލަންދޫގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔަބުކޮށް މިއަދު ވެރިކަމުގައި މިތިބީ އެމްޑީޕީ ކަމަށާއި، ކާމިޔަބު ޕާޓީއަކީ އެމްޑީޕީއަށް ވުމުން ބުއްދިވެރިން އިޚްތިޔާރުކުރީ އެ ކާމިޔާބު ޕާޓީއާ ގުޅެން ކަމަށާއި، ދެން ވެސް ކާމިޔާބު ލިބޭނީ އެމްޑިޕިއާ އެކު މަސައްކަތްކޮށްގެން ކަމަށެވެ. އެހެން ކަމުން ކާމިޔާބު އެދޭނަމަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ތާއީދުކުރުމަށް އިންތި ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ވައުދުތައްވާ، ވައުދު ފުއްދާ ޕާޓީއެއް ކަމަށާއި، ސަރުކާރު ހިންގަނީ އެމްޑީޕީކަމަށް ވުމުން ރަށަށް ތަރައްގީއާއި، ކުރިއެރުން ގެނެސްދެވޭނީ އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ކައުންސިލްތަކަށް ހޮވައިގެން ކަމަށެވެ. އަދި ޑީއާރުޕީއަށް ލެވޭ ވޯޓަކީ ބޭކާރު ވޯޓެއް ކަމަށާއި، އެއީ “މާސިންގާ ކަނޑަށް އެއްލާލެވޭ ވޯޓެއް” ކަމަށް އިންތި ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީއާއި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރަޝީދު، ޑރ.މުސްތަފާ ލުތުފީ އަދި މިލަންދޫ ދާއިރާގެ މެންބަރު އަލި ރިޒާއާއި މިލަންދޫ ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ދެ ކެންޑިޑޭޓަކު ވާހަކަދެއްކެވިއެވެ.