އެމްޑީޕީން ލ.އިސްދޫގައި ކެމްޕެއިން ޖަލްސާ އެއް ބާއްވައިފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މެދު ދެކުނު ޕްރޮވިންސްގެ ލ. އިސްދޫގައި ކެމްޕެއިން ޖަލްސާއެއް ބާއްވައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ އިސްދޫގައި ބޭއްވި މި ޖަލްސާގައި ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަތީފް ދެއްކެވި ވާހަކަފުޅުގައި ތަރައްގީގައި ޒުވާނުންގެ ދައުރާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތާއި، ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީން ހޯދުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މި ޖަލްސާގައި މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އެ ޕްރޮވިންސްގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން އެސަރަހައްދު ތަރައްގީ ކުރުމުގައި އިސްދޫއަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު އިސްކޮށް ހުންނަވައިގެން މެދު ދެކުނު ޕްރޮވިންސްގެ އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެ ޕްރޮވިންސްގެ ދެ އަތޮޅަށް މިހާރު ކުރަމުންދާ ކެމްޕެއިން ދަތުރުފުޅުގައި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާ، އިސްދޫގައި ދެއްކެވި ވާހަކަފުޅުގައި ވޭތުވެދިޔަ ސަރުކާރުން ލާމަރުކަޒީ ކުރުމުގެ ނަމުގައި ކުރި ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި މަޖިލީހުގައި ހިނގަމުންދާ ބައެއް ބިލްތަކާއި ބެހެ ގޮތުން ވެސް އީސަ އަލިއަޅުވާލެއްވިއެވެ.