އެމްޑީޕީގެ ވަފްދު ށ.އަތޮޅުގެ އިތުރު ހަ ރަށަކަށް ޒިޔާރަތްކޮށްފި

ށ.މިލަންދޫއިން އިބްރާހީމް ރާމިޒް

މިހާރު މަތިއުތުރު ޕްރޮވިންސްގެ ށ.އަތޮޅަށް ޒިޔާރަތްކުރަމުންދާ އެމްޑީޕީގެ ވަފްދު އިއްޔެ އެއަތޮޅު މަރޮށި، ބިލެތްފަހި، ގޮއިދޫ، ކަނޑިތީމް، ނޫމަރާ އަދި ފޭދޫއަށް ޒިޔާރަތްކޮށް އެރަށްރަށުގައި ތިބި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކޮށްފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އިސްކޮށް ހުންނަވާ މި ވަފްދު ބިލެތްފައްސަށް ވަޑައިގެން އެރަށުން އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ކައުންސިލަށް ވާދަކުރައްވާ 4 ކެންޑިޑޭޓުންނާއި، އެރަށް ހިމެނޭ ކަނޑިތީމް ދާއިރާއިން ކައުންސިލް އިންތިޚާބުގެ އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތްތަކަށް ދޮރުން ދޮރަށް ކެމްޕެއިންކުރާނޭ ގޮތާބެހޭ މައުލޫމާތު ދެއްވިއެވެ. މި މައުލޫމާތުތައް ދެއްވީ އެމްޑީޕީގެ ކެމްޕެއިން މީޑިއާ ޑައިރެކްޓަރ ފާތުމަތު ޝަހީދާއެވެ.
ގޮއިދޫއަށް ވަޑައިގެން އެރަސުގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމުގެ އިތުރުން އެރަށުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތްތަކަށް “ޑޯރ ޓު ޑޯ” ކެމްޕެއިން ކުރާނޭ ގޮތާ ބެހޭ މައުލޫމާތުދެއްވިއެވެ.
ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ނޫމަރާއަށް އެމްޑީޕީގެ ވަފްދު ވަޑައިގަތުމުން އެރަށުން އެމްޑީޕީއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އަދި ވޭތުވެދިޔަ 30 އަހަރުގެ ސަރުކާރުގައި އެރަށު ބަނދަރު ހަދައިދޭނޭ ކަމުގެ ހުވަފެން ކޮންމެ އިންތިޚާބަކާއި ދިމާކޮށް ދައްކައި އެކިފަހަރު އެކި ސަރަހައްދުގައި ބަނދަރުހަދަން ކަޑަ ޖަހާފައިވާ ކަމަށް އެރަށުން މި ވެބްސައިޓަށް މައުލުމާތުދިން އަންހެނަކު ބުންޏެވެ. ނޫމަރާގައި ވެސް އެމްޑީޕީން މިއަދު ޖަގަހައެއް ހުޅުވިއެވެ. “ފިކުރު”ގެ ނަމުގައި ހުޅުވި މި ޖަގަހަ ހުޅުއްވައިދެއްވީ އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީއެވެ. މި ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ޗެއަރޕާސަން ދެއްކެވި ވާހަކަފުޅުގައި ނޫމަރާ ފަދަ ކުޑަ ރަށަކުން އެމްޑީޕީގެ ފިކުރުހުރި ގިނަ އަދަދެއްގެ ބަޔަކު ފެންނަކަމީ އެމަނާ ވަރަށް އުފާފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ފޭދޫގައި ވެސް އެމްޑީޕީން ޖަގަހައެއް ހުޅުވިއެވެ. މި ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު ޗެއަރޕާސަން އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި ޑރ.މުސްތަފާ ވާހަކަފުޅުދެއްކެވިއެވެ.

މި ވަފްދުގައި އެމްޑީޕީގެ ކެމްޕެއިން ކޮމިޓީއާއި މިއަތޮޅުގެ އެމްޑީޕީ ދާއިރާތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.