އެމްޑީޕީގެ ވަފްދު ރ.އަތޮޅުގެ އިތުރު 4 ރަށަކަށް ޒިޔާރަތް ކޮށްފި

ރ.ވާދޫއިން އިބްރާހީމް ރާމިޒް

އެމްޑީޕީގެ ވަފްދު ރ.އަތޮޅުގެ އިތުރު 4 ރަށަކަށް މިއަދު ޒިޔާރަތްކޮށް އެރަށްރަށުގައި ތިބި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކޮށްފިއެވެ.
މި ގޮތުން މިއަދު ހެނދުނު މާކުރަތު ނިންމުމަށްފަހު، ހުޅުދުއްފާރު، އަނގޮޅިތީމް، ރަސްގެތީމް އަދި ވާދޫއަށް މިއަދުގެ މިހާތަނަށް މިވަފްދު ވަނީ ޒިޔާރަތްކޮށްފައެވެ.
ހުޅުދުއްފާރަށް މި ޓީމް ކުރި ޒިޔާރަތުގައި އެރަށުގެ އެމްޑީޕީ ކެންޑިޑޭޓުންނަށް ދޮރުން ދޮރަށް ކެމްޕެއިންކުރާނޭ ގޮތުގެ މައުލޫމާތު ދިނުމުގެ އިތުރުން އެރަށު އެމްޑީޕީ މެންބަރުންނާ މިޓީމުން ވަނީ ބައްދަލުކޮށްފައެވެ. ހުޅުދުއްފާރަށްފަހު އަނގޮޅިތީމަށް ޒިޔާރަތްކޮށް އެރަށު ސްކޫލުގައި ޖަލްސާއެއް ބެއްވުމަށްފަހު އެމްޑީޕީ ކެމްޕެއިން ޖަގަހަ ހުޅުވުން އޮތެވެ. މި ޖަގަހަ ހުޅުއްވައިދެއްވީ ޑރ.މުސްތަފާ ލުތުފީއެވެ. އެއަށްފަހު ރަސްގެތީމުގައި ވެސް މި ޓީމުން ވަނީ ޖަގަހައެއް ހުޅުވައި ބައްދަލުވުމެއް ބާއްވާފައެވެ. ރަސްގެތީމްގައި ހުޅުވި ޖަގަހަ ހުޅުއްވައިދެއްވީ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީއެވެ. އަދި މިޓީމުން ވަނީ ވާދޫގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ދޮރުން ދޮރަށް ކެމްޕެއިންކުރާނޭ ގޮތުގެ މައުލޫމާތާއި އިރުޝާދު ދީފައެވެ. މި މައުލޫމާތު ދެއްވީ އެމްޑީޕީގެ ކެމްޕެއިން މީޑިއާ ޑައިރެކްޓަރ ފާތުމަތު ޝަހީދާއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީއާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިމްތިޔާޒްގެ އިތުރުން ޑރ.މުސްތަފާ ލުތުފީއާއި، ކެމްޕެއިން ކޮމިޓީއާއި ފައިނެންސް ކޮމިޓީގެ މެންބަރުން ހިމެނޭ މި ވަފްދު ރ.އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުން ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފުއްޓަށް ޒިޔާރަތްކުރުމަށްފަހު، ށ. ކޮމަންޑޫއަށް ދާނެއެވެ. މި ވަފްދުގެ ފަރާތުން ބާއްވާ ޖަލްސާ އޮންނާނީ ށ.މާއުނގޫދޫގައެވެ.