ކުރީގެ ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް އެޅި ބިންގާތައް ފުނޑުފުނޑުވެގެންދިޔަ ގޮތަށް ރައްޔިތުންގެ އުއްމީދުތައް ފުނޑުފުނޑުވެގެން ދާން ނޭދޭނަމަ އެމްޑީޕީއަށް ވޯޓު ދިނުމަށް މާރިޔާ އެދިވަޑައިގެންފި

ރ.މާކުރަތުން އިބްރާހީމް ރާމިޒް

މައުމޫނުގެ ސަރުކާރުން ކޮންމެ އިންތިޚާބަކާ ދިމާކޮށް ޖެހި ކަޑަތައްފީވެ، ދަބަރަށްވެ، އެޅި ބިންގާތައް ދުވަސްވެ ފުނޑުފުނޑުވެގެން ދިޔަ ގޮތަށް ރައްޔިތުންގެ އުއްމީދުތައް ފުނޑުފުނޑުވެގެންދާން ނޭދޭނަމަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓުދިނުމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އެދިވަޑައިގެންފިއެވެ.
ޗެއަރޕާސަން މިމޭރުމުން ވާހަކަފުޅުދެއްކެވީ ރ.މާކުރަތު ރައްޔިތުންނާ ބައްދަލުކުރައްވައި ދެންމެ ދެއްކެވި ވާހަކަފުޅުގައެވެ. އެކަމަނާ އިތުރަށް ވިދާޅުވީ މަޖިލީހުގައި ފެންނަމުން އެދާ ސަރުކާރަށް ޖެއްސުން ކުރުމުގެ ސަގާފަތް އިދިކޮޅު ފަރާތްތަކަށް ކައުންސިލްތައް ކާމިޔާބުވެއްޖެ ނަމަ އެ ކައުންސިލްތަކުން ވެސް ފެނިގެންދާނެ ކަމަށެވެ.މާކުރަތު އެމްޑީޕީ ކުރިމަގު ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު މިރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މާރިޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީއަށް ތާޢީދު ހޯދުމަށް މަސައްކަތްކުރުމަށް މާކުރަތުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.