މިއަހަރުގެ ތެރޭގައި ދުވާފަރުގެ ސިއްޚީ މަރުކަޒު ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކޮށް ރަށުގެ ބަނދަރު ސަރަހައްދު ތަރައްޤީކުރާނަން – ރައީސް

ރ.ދުވާފަރުން އިބްރާހީމް ރާމިޒް

މިއަހަރުގެ ތެރޭގައި ދުވާފަރު ސިއްޚީ މަރުކަޒު ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކޮށް މިރަށުގެ ބަނދަރު ސަރަހައްދު ތަރައްޤީކޮށްދެއްވާނޭ ކަމަށް ރައީސްލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ދުވާފަރުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރަކީ ހަމައެކަނި ބަނދަރުފުންކޮށްދޭ ސަރުކާރެއް ނޫން ކަމަށާއި، މި ސަރުކާރުން ބޮޑު އިސްކަމެއްދެނީ އެބަނދަރާއި ގުޅިފައިވާ ސަރަހައްދު މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ބަނދަރު ސަރަހައްދުގައި ގާއިމްކުރަންޖެހޭ ވަސީލަތްތައް ގާއިމްކޮށް، އެ ވަސީލަތްތައް ތަރައްގީކުރުން ކަމަށެވެ.
ރޭގެ ޖަލްސާގައި ސަރުކާރުން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ މަޝްރޫއާއި، ސަރުކާރުގެ މައިގަނޑު ފަސްވައުދުގެ މައްޗަށް ރައީސް ބައްލަވާލެއްވިއެވެ. އެގޮތުން އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުންދެމުންދާ ޕެންޝަނުގެ މައްޗަށް ރައީސް ބައްލަވާލެއްވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިގައުމު ދިވެހިންނާ ހަމަޔަށް ގެނެސްދިން ދޮށީ އުމުރުގެ މީހުންނަށްވުރެ ވަކި ޕެންޝަން ހައްގުވާ އިތުރު ބަޔަކު ތިބި ކަމަށް އެމަނިކުފާނާއި، އެމަނިކުފާނު ނިސްބަތްވެވަޑައިގެންނަވާ ޕާޓީ، އެމްޑީޕީން ނުދެކޭ ކަމަށެވެ.
ވަކި ދެ ދަތުރުފުޅެއްގައި މިރަށަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އާއި އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީއަށް ދުވާފަރުން ކިޔާފައިވަނީ އަތޮޅުތެރޭގެ ރަށަކުން މިހާތަނަށް ކިޔާފައިވާ އެންމެ ފުރިހަމަ މަރުހަބާއެވެ. އެކަމަށްޓަކައި އެދެބޭފުޅުން ވެސް ވަނީ ރެގެ ޖަލްސާގައި ދުވާފަރުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ. މި ޖަލްސާގައި މިރަށުގެ ކުރީގެ ކައުންސިލަރާއި، ޑރ.މުސްތަފާ ލުތުފީއާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވާހަކަފުޅުދެއްކެވިއެވެ.