ރ.އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ވަފްދު މިއަދު އެއަތޮޅުގެ އަށް ރަށަކަށް ޒިޔާރަތްކޮށްފި

ރ.އުނގޫފާރުން އިބްރާހީމް ރާމިޒް

މިހާރު މާޅޮސްމަޑުލު އުތުރުބުރީގައި ހަރަކާތްތެރިވަމުންދާ އެމްޑީޕީގެ ކެމްޕެއިން ވަފްދު އެއަތޮޅުގެ 8 ރަށަކަށް މިއަދު ޒިޔާރަތްކޮށް އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އިސްކޮށް ހުންނަވާ މި ވަފްދު މިއަދު އެންމެ ފުރަތަމަ ދިޔައީ ރ.މަޑުއްވަރީއަށެވެ. މަޑުއްވަރިން މިޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެރަށު އެމްޑީޕީ ހަރުގޭގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ޗެއަރޕާސަން ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީން މިއަދު ތަންފީޒްކުރުމަށް މަސައްކަތްކުރަމުން މިދަނީ މީގެ އެތައް ދުވަހެއް ކުރިން ރަށްރަށަށް މިފަދަ ޒިޔާރަތްތައްކޮށް، ދޮރުން ދޮރަށް ހިނގައި ރައްޔިތުން އެންމެ ކަންބޮޑުވާ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށްފަހު އެމައްޗަށް އެކުލަވާލި މެނިފެސްޓޯގައިވާ މައިގަނޑު ސިޔާސަތުތައް ކަމަށާއި، މި ސިޔާސަތުތައް ތަންފީޒްކޮށް، ރައްޔިތުންނަށް ހަގީގީ ބާރު ހޯދުމަށް އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މި ސަރުކާރަށް އެއްބާރުލުންދީ، ސަރުކާރާއި އެކު މަސައްކަތްކުރަން ތައްޔާރަށް ތިބި ބަޔަކު ކައުންސިލްތަކަށް ހޮވުން ކޮންމެހެން ވެސް މަޖުބޫރު ކަމުގައި ވިދާޅުވިއެވެ.
މަޑުއްވަރީއަށް ފަހު މިވަފްދު މީދޫއަށް ޒިޔާރަތްކުރުމުން އެރަށުން ވެސް ހީނުކުރާހާ ބޮޑު ތާއީދެއް މި ވަފްދަށް ލިބިގެން ދިޔައެވެ. މީދޫގައި ޗެއަރޕާސަންގެ އިތުރުން ޑރ.މުސްތަފާ ލުތުފީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. ދެ ބޭފުޅުންގެ ވާހަކަފުޅުގައި ވެސް މީދޫއަކީ އޭރަކު އޮންނަ ސަރުކާރަކަށް ވަރަށް ފުރިހަމައަށް އެއްބާރުލުންދޭ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއް ކަމަށާއި، މި ސަރުކާރުން މީދޫގެ ތަރައްގީއަށް ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރުމަށް ސަރުކާރާއެކު މަސައްކަތްކުރުމަށް މީދޫގެ ރައްޔިތުން މިއަދު ތިބީތީ އުފާފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީދޫއަށް ފަހު، ކިނޮޅަސް، ފައިނު، އިނގުރައިދޫ، އިންނަމާދޫ، ރަސްމާދޫ އަދި އުނގޫފާރަށް މިވަފްދު މިއަދު ޒިޔާރަތްކުރިއެވެ.
ޗެއަރޕާސަންގެ އިތުރުން ޑރ.މުސްތަފާ ލުތުފީ އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ ވެސް ހިމެނިވަޑައިގަންނަވާ މިވަފްދު މިރޭގެ ޖަލްސާއަށް ދުވާފަރަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.